ރާއްޖޭގެ އިގުތިސޯދީ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބް އަރުވާފައިވާ ހަސަން ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި ކުރިއަށް އޮތް ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ސޯބިރު އަވަހާރަވީ މިއަދު ހެނދުނުވެ ވަގުތެއްގައި އާލަންކަންފުޅަށް ފަރުވާ ހޯދަވަމުން ގެންވަނިކޮށް ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. ސޯބިރު އަވަހާރަވި އިރު ހުންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. ސޯބިރުވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުވެސް މީގެކުރިން އަދާކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ ސޯބިރުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައި ކަމަށެވެ. ސޯބިރުގެ މޫނު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށާއި ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އިއްޔެ ނިޝާން އިއްޒުއްދީން އިއްޒަތް އެރުވި ސޯބިރު އަވަހާރަވި އަޑު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި މިއީ މުޅި ގައުމަށް ވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.
ސޯބިރަކީ މިނިސްޓަރުކަމުގައި ހުންނަވައިގެން ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއަށް ވަރަށް ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަން ފާހަގަކުރަން. އެމަނިކުފާނަކީ، ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ހާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް،" ރައީސް ވިދާޅުވި އެވެ.
ސޯބިރު ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އޭނާއަށް ރައީސް މުއިއްޒު އެރުވީ އިއްޔެ ބޭއްވި 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ހަސަން ސޯބިރަކީ އިގުތިސޯދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވާންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެއެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި ހާރިޖީ ދާއިރާގައި އޭނާ ކުރައްވާފައިވާ ހިދުމަތްތައް ފާހަގަކޮށްލެވެއެވެ.
ސޯބިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ފެބުރުއަރީ 7، 1973 ގައެވެ. އެ މަނިކުފާނުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ނެޝަނަލް ޕްލޭނިން އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނެޝަނަލް ޕްލޭނިން އޭޖެންސީ އުވާލައްވައި، ނޮވެމްބަރު 10، 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައްވެސް ސޯބިރު ފުރުއްވިއެވެ.
ނޮވެމްބަރު 11، 1993 ގައި، ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ ހަތަރުވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަން ކުރެއްވީ ހަސަން ސޯބިރެވެ. ރައީސް މައުމޫންގެ ރިޔާސީ ފަސްވަނަ ދައުރުގެ ކެބިނެޓުގައިވެސް ހަސަން ސީބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވިއެވެ.
ސޯބިރުގެ ހިދުމަތް، އޭގެފަހުން ފެނިގެން ދިޔައީ ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. އެގޮތުން އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވާފައިވެއެ
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް