މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް 1،109،565.82 ރުފިޔާ ދައްކަން، މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާން)ގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އެމްއައިިބީން މާނުއަށް ދޫކޮށްފައިވާ ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީއަކާ ގުޅިގެން އެއްބަސްވެފައިވާ ގޮތަށް މާނު ފައިސާ ދައްކަމުން ނުދާ މައްސަލައެކެވެ.

އެމްއައިބީން ދައުވާގައި ބުނީ ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ދަށުން މާނުއަށް 2،250،000 ދޫކޮށްފައިވާ ކަމަށެވެ. އެމްއައިބީން ބުނީ އެ ފެސިލިޓީއާ ގުޅިގެން 1،102،067 ރުފިޔާއާއި ޗެރިޓީގެ ގޮތުގައި 7،498.29 ރުފިޔާ، އެމްއައިބީއަށް މާނު ދައްކަން ޖެހޭކަން ސާބިތުވާކަން ކަނޑައަޅައިދިނުމަށެވެ.

އެ ލޯނު ނެގުމަށް މާނު ރަހުނުކޮށްފައިވާ އޭނާ ގެ ރެހެންދި ފުލެޓް، ލޯނު ނެގުމަށް ރަހުނުކޮށްފައިވާކަން ކަނޑައަޅައިދިނުމަށްވެސް އެމްއައިބީން އެދުނެވެ.

އެމްއައިބީގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް މާނުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެއެވެ. އެހެންވެ އެމްއައިބީން ވަނީ މާނުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ކޯޓުންވެސް ނިންމީ މާނުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެހެންވެ އެމްއައިބީގެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ކޯޓުން ނިންމީ މާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ.

އެހެންވެ ސިވިލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބުނީ 1،109،565.82 ރުފިޔާ މާނު އެމްއައިބީއަށް ދައްކަން ޖެހޭކަން ސާބިތުވާކަމަށް ހުކުމްކުރާ ކަމަށާއި އަދި މާނުގެ ރެހެންދި ފުލެޓް އެމްއައިބީއަށް ރަހުނުކޮށްފައިވާކަން ސާބިތުވާކަމަށް ހުކުމްކުރާ ކަމަށެވެ.

ހުކުމުގައި ބުނީ ހަމަސް ދުވަހުގެ ތެރޭގައި މާނު އެ ފައިސާ ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.