ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އިއްޔެ އެރުވި، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު މިއަދު އަވަހާރަވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި ހަސަން ސޯބިރު އަވަހާރަވީ މިއަދު ހެނދުނު ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

ހަސަން ސޯބިރަކީ އިގުތިސޯދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވާންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެއެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި ހާރިޖީ ދާއިރާގައި އޭނާ ކުރައްވާފައިވާ ހިދުމަތްތައް ފާހަގަކޮށްލެވެއެވެ.

ސޯބިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ފެބުރުއަރީ 7، 1973 ގައެވެ. އެ މަނިކުފާނުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ނެޝަނަލް ޕްލޭނިން އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނެޝަނަލް ޕްލޭނިން އޭޖެންސީ އުވާލައްވައި، ނޮވެމްބަރު 10، 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައްވެސް ސޯބިރު ފުރުއްވިއެވެ.

ނޮވެމްބަރު 11، 1993 ގައި، ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ ހަތަރުވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަން ކުރެއްވީ ހަސަން ސޯބިރެވެ. ރައީސް މައުމޫންގެ ރިޔާސީ ފަސްވަނަ ދައުރުގެ ކެބިނެޓުގައިވެސް ހަސަން ސީބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވިއެވެ.

ސާބިރުގެ ހިދުމަތް، އޭގެފަހުން ފެނިގެން ދިޔައީ ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. އެގޮތުން އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.