ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފިއެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި އަދި އެއާޕޯޓް ކައިރިން ތިން ސަރަހެއްދެއްގައި ހަ މިނިޓު ވަންދެން ވަނީ ހަވާ އަރުވައިފައެވެ.

26 ޖުލައި 2025، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ: އެމްއޭސީއެލް

ދުނިޔޭގެ ރެކޯޑަކަށްވުމުން، އެކަމުގެ ލިޔުން މިއަދު ވަނީ ދީފައެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ގިނަސް ވޯލްޑް ރެކޯޑްސްގެ ފަރާތުން ދިން ލިޔުމާ ހަވާލުވެވަޑައިގެންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހެވެ.

އެ ރެކޯޑު ހެދުމަށް ފަސް ތަނެއްގައި އެއްފަހަރާ އެއް ރޭޓެއްގައި ހަވާ އަރުވަން ޖެހެއެވެ. މުޅިން އަލަށް ގާއިމުކުރި އެ ރެކޯޑު ރާއްޖެއިން ހަދާފައިވަނީ، އެއްފަހަރާ އެއް ރޭޓެއްގައި ނުވަ ތަނެއްގައި ހަވާ އަރުވައިގެންނެވެ.