ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ވީއައިއޭގެ އާ ޓާމިނަލުން ފުރަތަމަ ހިދުމަތްދީފައިވަނީ މިއަދު މެންދުރުފަހު އިންޑިއާގެ ކޮޗިން އިން ރާއްޖެ އައި މޯލްޑިވިއަންގެ އެއާބަސް އޭ330 ފުލައިޓަކަށެވެ.
ވީއައިއޭގެ ރަންވޭއަށް މޯލްޑިވިއަންގެ އެއާބަސް އޭ330 ޖެއްސުމާއެކު، އެ ފުލައިޓަށް މަރުހަބާ ކިޔާފައިވަނީ ވޯޓާ ސެލިއުޓަކުންނެވެ.
އެ ފުލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވީއައިއޭގެ އާ ޓާމިނަލްގެ ތެރެއިން މަރުހަބާ ދެންނެވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމާއި އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހާއި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުންނެވެ.
ވީއައިއޭގެ އާ ޓާމިނަލަށް މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ ފަސިންޖަރަކަށް ވެސް ވަނީ ފިނިފެންމަލެއް ހަދިޔާކޮށްފައެވެ. އެއަށްފަހު ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކަކާއެކު ވަނީ މަރުހަބާ ކިޔައިފައެވެ.
ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ދިމާކޮށް، ވީއައިއޭގެ އާ ޓާމިނަލް ހުޅުވާފައިވަނީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ތިން ބުރީގެ ބިޔަ އެ ޓާމިނަލް ފަރުމާކޮށްފައިވަނީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފަސިންޖަރުންނަށް ލިބޭނެ ގޮތަށެވެ. އެގޮތުން ސެލްފް ސާވިސް ކައުންޓަރުތަކާއެކު ޖުމްލަ 48 ކައުންޓަރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ހިދުމަތްތައް ދެމުންދާނެއެވެ.
އާ ޓާމިނަލުން އެއްފަހަރާ 12 ބޯޓަށް ހިދުމަތް ދެވޭނެއެވެ. ޖުމުލަ ހަ ކޮންވޭޓާ ބެލްޓު އާ ޓާމިނަލްގައި ހުންނަ އިރު، ބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އިންތިޒާމުތައްވެސް މުޅީން އަލަށް ވަނީ ހަމަޖައްސައިފައެވެ.
އޮރަޓް ކޮންސަލްޓެންޓުގެ އިރުޝާދާ އެކު، އާ ޓާމިނަލް ބޭނުން ކުރަން ފަށާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެކަން ކުރަނީ ކެނެޑާގެ މޮޑަލިސް ކޮންސަލްޓެންސީގެ އެހީގައެވެ.
މި ޓާމިނަލާއެކު، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ދާނެއެވެ. އާ ޓާމިނަލުން ރާއްޖޭގެ އިގްތިސޯދަށް "ބޫސްޓެއް" ލިބޭ އިރު، ވަޒީފާގެ އެތައް ފުރުސަތެއްވެސް ފަހިވެގެންދާނެއެވެ. ބައިގަރުނަށްފަހު، ދިވެހިންގެ މައި ދޮރާއްޓަށް މިއަންނަ ބޮޑު ބަދަލަކީ ޖީލުތަކަށް ދެމިގެންދާނޭ މުހިންމު ބަދަލެކެވެ.
އާ ޓާމިނަލް ހުޅުވުމަށްފަހު އެންމެ ފުރަތަމަ އެތަން ބޭނުންކުރާނީ ގައުމީ ވައިގެ ދަތުރުފަތުރުގެ ކުންފުނި، މޯލްޑިވިއަން އިންނެވެ.
އެހެނިހެން އެއާލައިންތަކުގެ މަސައްކަތްތައް އާ ޓާމިނަލަށް ބަދަލުކުރުމަށް ރޭވިފައިވަނީ މައިގަނޑު ދެ މަރުހަލާއަކަށެވެ. މިގޮތުން ފުރަތަމަ މަރުހަލާގެ ގޮތުގައި ޖުލައި އަދި އޮގަސްޓް މަހު ތެރޭގައި އާ ޓާމިނަލަށް ބަދަލުކުރެވޭނީ ގިނަ ވަސީލަތްތަކެއް ބޭނުން ނުކުރާ ކުދި އެއާލައިންތަކުގެ ހިދުމަތްތަކެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ބަދަލުކުރަން ފަށާނީ ސެޕްޓެމްބަރުގައެވެ.
ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި އާ ޓާމިނަލާއެކު އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް