ސައުދި އަރަބިއްޔާގެ ޑިވެލޮޕްމަންޓު ފަންޑު (އެސްއެފްޑީ)ގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދު (އޯޑީއާރްއެމްޑީ) އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެއަށް ކުރެއްވި ޒިޔާރަތަށް މުރްޝިދު އަދި ސައުދީގެ ހާއްސަ ޑެލެގޭޝަނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އެސްއެފްޑީގެ ސީއީއޯ ވަނީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދެއްވީތީ އެކަމާ އުފާފާޅުކުރައްވައިފައެވެ. އަދި ރާއްޖޭގެ މިނިވަންކަމުގެ 60 އަހަރުގެ ފާހަގަކުރުމުގެ ޖަލްސާއަށް ދައަވަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވިއެވެ.
ރައީސް މުއިއްޒު، އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް އެސްއެފްޑީން ދެއްވާފައިވާ އަގުހުރި އެހީތެރިކަމަށް އެ ބައްދަލުވުމުގައި ޝުކުރު އަދާކުރެއްވިއެވެ.
އެކަމާ ގުޅޭގޮތުން އެސްއެފްޑީގެ ސީއީއޯ ވިދާޅުވީ ސައުދީ ރޯޔަލް ކޯޓުން މި މަޝްރޫއުގެ ކުރިއެރުން ވަރަށް ގާތުން ބައްލަވަމުން ގެންދެވި ކަމަށެވެ.
ރައީސާއި ސީއީއޯ ވަނީ ހައުސިން، މަސްވެރިކަން، ސިއްހީ ދާއިރާ ހިމެނޭގޮތަށް ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު