އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްރީލަންކާއިން ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދޭން ނިންމައިފިއެވެ.

މިނިސްޓަރާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ ދިވެހިންނަށް މިހާތަނަށް ދޫކޮށްފައިވަނީ ކުރު މުއްދަތުގެ ވިސާ ކަމަށެވެ. ނަމަވެސް، އަންނަ ހުކުރު ދުވަހުން ފެށިގެން ދިގު މުއްދަތަށް ވިސާ ދޫކުރަން ފަށާނެ ކަމަށާއި އޭރުން އެއް އަހަރު ވަންދެން ދިވެހިންނަށް ލަންކާގައި ދިރިއުޅެވޭނެ ކަމަށް އެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮލަމްބޯގައި ބޭއްވި ޓޫރިޒަމް ތީމްގެ މައުރަޒުގައި މިނިސްޓަރު ހެރަތު ވަނީ އެނިންމުން ނިންމީ ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް ދިރުވައި އަވަށްޓެރި ގައުމުތަކުން ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރުމުގެ މަގްސަދުގައި ފުޅާ ދާއިރާއެއްގައި ޕޮލިސީ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.

"މީގެ ކުރިން ދިވެހިންނަށް ލިބެނީ ވަކި ޝަރުތުތަކެއްގެ ދަށުން ކުރު މުއްދަތުގެ ވިސާ. މިހާރު އަޅުގަނޑުމެން ނިންމީ ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދޭން، ހާއްސަކޮށް ސިއްހީ ޓޫރިޒަމަށް ބޭނުންވާ ކަންކަމަށް ގިނަގިނައިން ދަތުރުކުރުމާއި ދިގު މުއްދަތަކަށް ތިބުމަށް ޕްރޮމޯޓް ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ހެރަތު ވިދާޅުވީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އާއި އެހެނިހެން ހިދުމަތްތަކަށް ލަންކާއަށް ދިޔަ ނަމަވެސް މިހާރު ހުރި ވިސާގެ ފިޔަވަޅުތަކުގެ ސަބަބުން ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

އެކަން އިއުލާނު ކޮށްފައިވަނީ އަންނަ ހޯމަ ދުވަހު ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އާއި ސްރީލަންކާގެ ވަފުދެއް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ސްރީލަންކާގެ ހޮސްޕިޓާލިޓީ ސަޕްލަޔަރުންނަށް ރާއްޖޭގެ ހޮޓެލް ދާއިރާއާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ތައް ހޯދުމުގެ މަގުސަދުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރު ހެރަތު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށް ސްރީލަންކާއިން ކުރިއަށް ގެންދާ ބޮޑު މަސައްކަތުގެ ދަށުން ދާދި ފަހުން ވަނީ އިނގިރޭސިވިލާތް ހިމެނޭ ގޮތަށް 40 ގައުމަކުން ޓޫރިސްޓުންގެ ވިސާ ފީ އުވާލައިފައެވެ.

ހެރަތު ވިދާޅުވީ މިކަމުގެ ސަބަބުން ސީދާ ދައުލަތަށް ލިބޭ އާމްދަނީ ދަށްވެދާނެ ކަމަށާއި ނަމަވެސް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުމުން ދިގު މުއްދަތަކަށް ލިބޭ ފައިދާ ކުރު މުއްދަތުގެ ގެއްލުންތަކަށް ވުރެ ބޮޑުވާނެ ކަމަށެވެ.