ފުލުހުންގެ މުއައްސަސާގެ ތަހުގީގު ފެންވަރު ރަންގަޅުކޮށް، ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ހިދުމަތަކަށް އެ މުއައްސަސާ ހަދާނެ ކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްވައިފިއެވެ.

ސިފައިންނާ ފުލުހުންގެ އަގު ވަޒަން ކުރުމަށް ކަޅުތުއްކަލާކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮމިޝަނާ ނަވީން ވިދާޅުވީ، މުޖުތަމައުގެ މިނިވަންކަމާއި އަމަން އަމާންކަން ގާއިމްކޮށް ރައްކާތެރިކޮށްދިނުމަކީ ދިވެހި ފުލުހުންގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކައިދެނީ ގައުމާއި ރައްޔިތުންނަށްޓަކައި ކޮށްދޭ ހާއްސަ ހިދުމަތެއް ކަމަށާއި ފުލުހުންގެ ކޮންމެ ހަރަކާތަކީ މުޖުތަމައަށް އަންނަ ބަދަހި ކަމެއް ކަމަށެވެ.

" ދިވެހި ރައްޔިތުންނަށް މިއަދު ދޭ ޔަގީންކަމަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިވެހި ފުލުހުން ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން. ދިވެހި ފުލުހުންގެ ހިދުމަތް ޒަމާނާ އެއްގޮތަށް ބައްޓަންކޮށް މީހުން ބިނާ ކުރުމަށާއި އަދި އޮޕަރޭޝަނަލް ތަހުގީގުގެ ފެންވަރު ރަންގަޅުކޮށް ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން،" ނަވީން ވިދާޅުވިއެވެ.

26 ޖުލައި 2025: ސިފައިންނާ ފުލުހުންގެ އަގު ވަޒަން ކުރުމަށް ކަޅުތުއްކަލާކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު --- ފޮޓޯ/ ޕޮލިސް

އޭގެ އިތުރުން ކޮމިޝަނާ ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދިވެހިންގެ އިތުބާރު އެ ހިދުމަތަށް ހޯއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މިންނަތް މަސައްކަތްތަކީ ނުހަނު އިހުލާސްތެރި މަސައްކަތްޕުޅުތަކެއް ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.

ކާރިސާތަކާއި ހާދިސާތަކުގައި ރައްޔިތުންނަށް ކުރިމަތިވާ ހާލަތްތަކުން އަރައިގަނެ، އާންމު ހާލަތަށް ކަންތައްތައް ގެނައުމަށް ފުލުހުން އަބަދުވެސް ތައްޔާރަށް ތިބިކަމުގެ ޔަގީންކަން ނަވީން ވަނީ ދެއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ ތެރެއިން ދިގުމުއްދަތަކަށް ހިދުމަތް ކުރުމުގެ މެޑަލް އާއި މަތިވެރި ހިދުމަތުގެ މެޑަލް އަދި ރައީސްގެ ހާއްސަ މެޑަލް ލިބޭ ފަރާތްތަކަށް މެޑަލް ހަވާލުކޮށްދެއްވައިފައެވެ.