ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކޮންމެ އަހަރެއްގެ މިނިވަން ދުވަހަކު ބާއްވާ ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

26 ޖުލައި 2025، މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިނިވަން ދުވަހުގެ ދިދަނެގުމުގެ މި ހާއްސަ ރަސްމިއްޔާތުގައި، ގައުމީ ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރުން ކުރިޔަށް ގެންދިޔައެވެ. މި ރަސްމިއްޔާތު ނިންމަވާލައްވާފައި ވަނީ ގައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ގައުމީ ސަލާމް ކުޅުމާއެކުގައެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.