އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރަފުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު، ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.

ރާއްޖެއަށް މޯދީ ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުން މިރޭ ދެއްވި ޖާފަތުގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި، ރާއްޖެއަށް މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ އިންޑިއާގެ ވަފުދުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯދީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަމުން މި ގެންދަވަނީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އިތުރުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ.

މޯދީގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މުހިންމު އަށް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.