ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާދަމޭ ރޭ މާލެ ވަށައިގެން ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި އަދި އެއާޕޯޓް ކައިރިން ތިން ސަރަހެއްދެއްގައި މާދަމާ ރޭ ހަ މިނިޓު ވަންދެން ހަވާ އަރުވާނެ ކަމަށެވެ.

ހަވާ އަރުވަން ފަށާނީ މާދަމާ ރޭ 8:30 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މާދަމާއަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަސް ކަމަށްވާ އިރު، ވީއައިއޭގެ އާ ޓާމިނަލް ހުޅުވަނީ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މީގެ ކުރިން ބުނެފައިވަނީ މާދަމާ އަރުވާ ހަވާ ތާރީހީ ހަވަޔަކަށް ވެގެންދާނެ ކަމަށާއި ހަވާ އެރުވުމުގެ އިތުރުން ޑްރޯން ޝޯއެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އިތުރު "ސަޕްރައިޒް"ތަކެއްވެސް ލިބޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.