ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު މައްސަލައިގައި ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ތައިލެންޑުން ދީފިއެވެ.
ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެ ދެގައުމު ދެމެދު ހަމަލާތައް ބަދަލުކުރަން ފަށާފައިވާއިރު މިހާތަނަށް 16 މީހަކު މަރުވެ އެތައް ހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނިމިދިޔަ ހަފުތާގެ ބުދަ ދުވަހު ތައިލެންޑަށް ނިސްބަތްވާ ސިފައިންގެ މީހަކަށް ބޯޑަރު ސަރަހައްދުން މައިނަކަށް އެރި ގޮވުމުގެ ސަބަބުން އެމީހާގެ އެއް ފައި ބުރިވި މައްސަލައަށްފަހު ދެ ގައުމުގެ ދެމެދު މަޝްރަހު ހޫނުވެ ބަރުހަތިޔާރުން ވަނީ ހަމަލާދޭން ފަށައިފައެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ޕުމްތަމް ވެޗަޔާޗީ ވިދާޅުވެފައިވާ ގޮތުގައި، ބޯޑަރުގެ ދެ ގައުމު ގުޅޭ 12 ސަރަހައްދަކަށް ކެމްބޯޑިއާއިން ހަމަލާދީފައިވެއެވެ. މީގެ އިތުރުން ކެމްބޯޑިއާގެ ހަމަލާތައް އަމާޒުކުރަމުންގެންދަނީ ތައުލެންޑުގެ އާންމުންނަށް ކަމަށްވެސް ބޮޑުވަޒީރު ތުހުމަތު ކުރެއްވިއެވެ.
ކެމްބޯޑިއާއިން ވެސް ވަނީ ތައިލެންޑުން އެ ގައުމަށް ހަމަލާދެމުން ގެންދާ ކަމަށާއި އެގޮތުން ކެމްބޯޑިއާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ހަމަލާ ދީފައިވާކަމަށް ބުނެފައިވެއެވެ.
ދެގައުމު ދެމެދު ހިނގަމުންދާ ހަމަނުޖެހުން ހުއްޓާލައި ހަމަލާ ބަދަލުކުރުން ނިމުމަކަށް ގެނައުމަށް އެއްވެސް ފަރާތަކުން މެދުވެރިވާން ފުރުސަތު ނެތްކަމަށް ތައިލެންޑުގެ ފޮރިން މިނިސްޓަރާ ހަވާލާދީ ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފައެވެ.
ދުނިޔޭގެ ބާރުގަދަ ބޮޑެތި ގައުމުތަކުން ގެންދަނީ ކެމްބޯޑިއާއި ތައިލެންޑު ހަމަނުޖެހުންތައް ހުއްޓާލުމަށް ގޮވާލަމުންނެވެ. އެގޮތުން އެމެރިކާއާއި ޗައިނާ އަދި މެލޭޝިޔާގެ އިތުރުން އޮސްޓްރޭލިއާ އާއި ޔޫރަޕިއަން ޔޫނިއަން އާއި ފްރާންސުންވެސް ވަނީ އެ ސަރަހައްދަށް ހަމަޖެހުން ގެނެސް އަމާންކަން ގާއިމުކުރުމަށް ގޮވާލާފައެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ