އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ.
މިއަދު ހެނދުނު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ދަންނަވައިފައެވެ. މޯދީ ވަނީ ފުލައިޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާ ބައްދާލައްވައި ރާއްޖެއާއި އިންޑިއާއާ ދެެމެދު އޮތް ގާތް ގުޅުން ހާމަކޮށްދެއްވައިފައެވެ.
ލޯންޗުކޮޅުގައި މިއަދު މެންދުރުފަހު މޯދީ މާލެ ވަޑައިގެންނެވުމުން، ރަސްމީ ފާލަމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ. އެއަަށްފަހު މޯދީއަށް މަރުހަބާ ދެންނެވީ ސްކޫލު ދަރިވަރުންގެ ސަގާފީ ހަރަކާތްތަކާއެކުއެވެ.
އެ ހަރަކާތްތަކަށްފަހު ދިވެހި ސިފައިންގެ ބަޑީގެ ސަލާމަކާއެކު، ޖުމްހޫރީ މައިދާނުގައި ސިފައިންގެ ބޭންޑުން ވަނީ އިންޑިއާ އާއި ރާއްޖޭގެ ގައުމީ ސަލާމް ގެނެސްދީފައެވެ.
އެއަށްފަހު ރަތް ދޫލައިގައި ހިންގަވާފައި، މޯދީ ވަނީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި މިނިސްޓަރުންނާ ސަލާމްކުރައްވައި، ރައީސް އޮފީހަށް ވަޑައިގެންފައެވެ. ރައީސް އޮފީހަށް ވަޑައިގެން، މޯދީ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މޯދީގެ ދަތުރުފުޅު މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. މޯދީގެ މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ މައްސަލަތަކާއި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރެއްވުމާއި އިތުރު މެމޮރަންޑަން އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ސަބަބެއް ކަމަށެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ