މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ބޭރު ފައިސާގެ ޑިޕޮސިޓުތަކަށް މިނިމަން ރިޒާވް ރިކުއަޔަމަންޓް (އެމްއާރުއާރު)ގެ ގޮތުގައި ބޭންކުތަކުން ބަހައްޓަން ޖެހޭ ބޭރު ފައިސާގެ އަދަދު ފަސް ޕަސަންޓަށް ދަށްކޮށްފިއެވެ.
އެ ބަދަލު މިއަދުން ފެށިގެން ގެނެސްފައިވާ އިރު، ކުރިން އެމްއާރުއާރުގެ ގޮތުގައި ބަހައްޓަން ޖެހޭ ފައިސާގެ އަދަދަކީ 7.5 ޕަސަންޓެވެ.
އެމްއެމްއޭ އިން މިއަދު ބުނީ އެ ބަދަލު ގެނެސްފައިވަނީ ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް އެކަނި ކަމަށާއި އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު ގައި އެމްއެމްއޭ އިން އެފަދަ ލިކުއިޑިޓީގެ ދަތި ކަމަކަށް ހައްލު ހޯދުމަށް އެމްއާރުއާރު 10 ޕަސަންޓުން 7.5 ދަށްކުރުމަށްފަހު، ބޭރު ފައިސާގެ އެމްއާރުއާރުއަށް ގެނެވުނު ފުރަތަމަ ބަދަލު ކަމަށެވެ.
އެ ބަދަލު ގެނައި ނަމަވެސް، ރުފިޔާގެ ރިޒާވް ރިކުއަޔަމަންޓަށް ބަދަލެއް ނުގެނެސް 10 ޕަސަންޓުގައި ހިފަހައްޓާފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއާރުއާރު އަކީ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ ވަސީލަތެކެވެ. އެގޮތުން ހުރިހާ ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ކަނޑައެޅިފައިވާ މިންވަރެއް ރިޒާވްގެ ގޮތުގައި ބަހައްޓަން ޖެހެއެވެ.
އެމްއާރުއާރު އަކީ ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި އެ ބޭންކެއްގެ ޖުމުލަ ދިވެހި ރުފިޔާ އަދި، ބޭރު ފައިސާގެ ޑިޕޮސިޓްތަކުގެ ތެރެއިން، ރިޒާވްގެ ގޮތުގައި ބަހައްޓަންޖެހޭ ވަކި މިންވަރެކެވެ. އަދި އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް އެމްއާރުއާރުގެ ގޮތުގައި ބަހައްޓަން ޖެހޭ ނިސްބަތް ބަދަލުކުރެއެވެ.
އެމްއެމްއޭ އިން ބުނީ ބޭރު ފައިސާގެ އެމްއާރުއާރު ދަށްކުރުމަށް ނިންމާފައިވަނީ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށާއި އޭގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"އަދި އިގުތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެއެވެ. މި ބަދަލުގެ ސަބަބުން ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށް ޓަކައި ލިބިގެންދާނެއެވެ..،" އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ދައުރުވާ ފައިސާ (މަނީ ސަޕްލައި) ބެލެހެއްޓުމަށާއި އަގުތައް މައްޗަށް ދިއުން ކޮންޓްރޯލުކުރުމަށް އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކުރެއެވެ. އޭގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަންތައް، ޕޮލިސީ ރޭޓަށް ގެންނަ ބަދަލުތައް، އަދި ވަކި އަމާޒުތަކަކަށް ބިނާކޮށް ބޭރު ފައިސާގެ މާކޭޓަށް އަސަރުކުރުވުން ހިމެނެއެވެ.
އެމްއެމްއޭ އިން ބުނީ އެ ވަސީލަތްތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން، އިގުތިސާދީ ތަރައްގީއަށް އެހީތެރިވުމާއެކު ބޭންކިން ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރާ ކަމަށެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ