އިދިކޮޅު އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަ ކުރުމުގެގޮތުން ބާއްވާ "ރަން ރީނދޫ ދުވުން" އަންނަ އޯގަސްޓް މަހުގެ އެގެއްގައި ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ސެންޓްރަލް ޕާކު ވަަށައިގެން އޮންނަ މަގުގައި ފުލުހުންގެ އެހީތެރިކަމާއެކު، ރަންދީދޫ ދުވުން ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމުމާ ގުޅިގެން އެދުވުން މާދަމާ އޮންނާނެކަމަށްވެސް ބުނެފައިވެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައި އޮންނަ ސަރަހައްދުގައި ދުވުން ކުރިއަށްގެންދަން އެޗްޑީސީން ހުއްދަ ނުދިންކަމަށް ބުނެ، މީގެ ކުރިން އެމްޑީޕީން އެދުވުން ބާއްވަން ނިންމާފައި އޮތީ މާލޭގެ މަޖިދީމަގުގައެވެ.

މީގެ ކުރިން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަންލަތީފް ވިދާޅުވީ، ސެންޓްރަލްޕާކް ވަށައި ދުވުން ބޭއްވުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތީން އެޗްޑީސީއަށް ސިޓީ ފޮނުވި ކަމަށެވެ. ފުރަތަމަ ސިޓީ ފޮނުވީ 22 ޖޫންގައި ކަމަށާއި، ދެވަނަ ސިޓީ ފޮނުވީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ސަރަހައްދުގައި ދުވުން ބާއްވަން ހުއްދަ ނުދެއްވައި އެ ހަރަކާތް ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައި ބާއްވަން އެޗްޑީސީން އެދިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމާގުޅިގެން އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެއިރު ވިދާޅުވީ، އެކަމާ ގުޅިގެން އަންނަ ހުކުރު ދުވަހު ބާއްވަން އޮތް ދުވުން، ހުއްދައަކާ ނުލައި މިމަހު 25 ވަނަ ދުވަހު މާލޭ މަޖީދީމަގުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ވޭތުވެދިޔަ 20 އަހަދު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެމްޑީޕީން ކޮށްދީފައިވާ އެކިއެކި ހިދުމަތްކާއި، އެމްޑީޕީން ހޯދައިދީފައިވާ ކާމިޔާބީތަކާއި ހިދުމަތްތަކާއި ތަރައްގީ ރަމްޒުކޮށްދޭ ދަންމަރެއް މި ދުވުމުގައި ބޭނުންކުރާނެ ކަމަށެވެ.

ނަމަވެސް އެދުވުން އޯގަސްޓް އެކަކަށް ބަދަލު ކުރުމާ ގުޅިގެން ދުވުމާބެހޭ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރާނެކަމަށް އެމްޑީޕީިން ވަނީ ބުނެފައެވެ.