ކުޑަކުދީންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 97 މައްސަލަ މިިދިޔަ މެއި މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ މެއި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދީންނަށް އިހުމާލުވުމުގެ މައްސަލަ އެވެ. ޖެންޑާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއިމަހު ހުށަހަޅާފައިވަނީ:

  • އިހުމާލުވުމުގެ 23 މައްސަލަ

  • ޖިސްމާނީ ހާނިކައިގެ 22 މައްސަލަ

    ޖިންސީ ހާނިއްކައިގެ 16 މައްސަލަ

  • ނަފްސާނީ ހާނިއްކައިގެ 13 މައްސަލަ

  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަންދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލަ

  • އެހެން ކުދީންގެ ފަރާތުން ގަނާލިބުމުގެ 06 މައްސަލަ

  • ބްލެކްމެއިލް ކުރުމުގެ 04 މައްސަލަ

  • އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ

  • ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅޭ 32 މައްސަލަ

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި އޭގެތެރޭގައި ގިނައީ ފިރިހެންކުދިންނާ ގުޅުން ހުރި މައްސަލަތަކެވެ. އެގޮތުން ފިރިހެން ކުދިންގެ 52 މައްސަލަ ހުށަހަޅާފައިވާއިރު އަންހެން ކުދިންގެ 45 މައްސަލަ ހިމެނެ އެވެ.

ކުޑަކުދިންގެ އަހުލާގީ މައްސަލައިގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަކަމަށާއި އޭގެ 10 މައްސަލަ އެމަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި ގެއިން ނިކުމެގެން ދިއުމުގެ 5 މައްސަލަ އާއި ރުޅި އިސްކުރުމާއި ރުޅި ގަދަ ވެގެން އުޅުމުގެ 3 އަދި އެހެނިހެން މައްސަލަތަކުގެ 14 މައްސަލައެއް ހުށަހަޅާފައިވާ ކަމަށްވެސް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ މެއި މަހު އެ މިނިސްޓްރީގެ ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމްލަ 1764 މައްސަލަ ހުށަހަޅާފައިވާއިރު އޭގެތެރެއިން، 60 ކޯލަކީ ކުޑަކުދިން އަމިއްލަ އަށް ހުށަހަޅާފައިވާ މައްސަލަކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި އޭގެތެރެއިން 1255 މައްސަލަ ބޮޑެތިމީހުން ހުށަހަޅާފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 449 މައްސަލަ ވަނީ ހުށަހަޅާފައެވެ.

އަދި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލައިގެ 16 މައްސަލަ މެއިމަހު ހުށަހަޅާފައިވާ ކަމަށްވެސް ޖެންޑާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޖެންޑާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގެވެށި އަނިޔާގެ 17 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ އެއް މައްސަލައާއި އަންހެނުންނާއި ގުޅޭ 16 މައްސަލައެވެ.