އަންނަ އަހަރުގެ ޖެނުއަރީ މަހު ނ. ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށް، ސީޕްލޭން އޮޕަރޭޝަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިރޭ ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހު ވެލިދޫގައި ސްޓޭޝަންކޮށްފައި ބާއްވާ ސީ އެމްބިއުލާންސެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

"ދެން އެ އެއާޕޯޓު ގާއިމުކުރެވެންދެން ވެސް އަދި ފަހުން ވެސް ބޭނުންވަންޏާ ބޭނުންކުރުމަށްޓަކައި އަޅުގަނޑުމެން މި ރަށަށް ހާއްސަކޮށްގެން ސީޕްލޭން ޕްލެޓްފޯމެއް މި އަންނަ އަހަރު ޖެނުއަރީ މަހު ގާއިމުކޮށްދީ، ރެގިއުލާ ސީޕްލޭން އޮޕަރޭޝަން ފަށައިދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންފައިވާ ގޮތަށް އެއާޕޯޓުގެ އުންމީދު ވެސް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށާއި ވިހަފަރުގައި ގާއިމުކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށައި، ބާރު ސްޕީޑުގައި ގެންގޮސް، ވަރަށް ރަނގަޅަށް ފުރިހަމަކަމާއެކީގައި ނިންމައިދެއްވާނެ ކަމަށެވެ.

"އެ އެއާޕޯޓު ވެގެންދާނީ މި ރަށާއި މި ސަރަހައްދުގައި ހިމެނޭ ހުރިހާ ރަށަކަށް އަދި ޓޫރިޒަމް ޑިވެލޮޕްމަންޓް ދާއިރާގައި އިންވެސްޓުކުރާ ފަރާތްތަކަށް، ޖުމުލަކޮށް މި އަތޮޅަށް ވަރަށް ފައިދާވާނެ، ފީސިބަލް، ދެކޮޅު ޖެހޭނެ އެއާޕޯޓަކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ހިމެނިފައިވާނެ ކަމަށާއި އޭގެ ތެރޭގައި ވެލިދޫގައި ހަދާ ހައުސިން މަޝްރޫއު ހިމެނޭނެ ކަމަށެވެ.