ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ޖަޕާނުގެ ބޮޑުވަޒީރު އިޝީބާ ޝިގެރޫގެ ހާއްސަ މަންދޫބު އިކުއިނާ އަކިކޯ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ބުނެފިއެވެ.
އެ އެމްބަސީން މިއަދު ބުނީ އިކުއިނާ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ 25-27 އަށް ކަމަށެވެ. އެކަމަނާގެ އަރިހުގައި ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖަޕާނު އެމްބަސީން ބުނި ގޮތުގައި މި ދަތުރުފުޅުގައި މިނިވަަން ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަފުލާތަކުގައި އެކަމަނާ ބައިވެރިވެވަޑައިގަންވާނެއެވެ. އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން ހިންގާ "ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމުގެ މަޝްރޫއު"ގެ ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު ނޯޓްސް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވާނެއެވެ.
އޭގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޖަޕާނުގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވައި އަދި ދެ ގައުމުގެ ދެމެހެއްޓެނިވި ރަޙްމަތްތެރިކަމުގެ ނިޝާނެއްގެ ގޮތުގައި ހުރި ޓެޓްރަޕޮޑް މޮނިއުމަންޓަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިކުއިނާ، ރާއްޖެއަށް ކުރައްވާ ޒިޔާރަތަކީ ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ތާރީހީ ރަހުމަތްތެރިކަން އަލުން ހަނދާންކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ޒިޔާރަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ދެ ގައުމުގެ މެދުގައި ކުރެވޭ މުއާމަލާތްތައް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ޖަޕާނު އެމްބަސީން ބުންޏެވެ.
އޭގެ އިތުރުން 2027 ވަނަ އަހަރު ރާއްޖެ އާއި ޖަޕާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި ތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރާ އިރު، "މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް" އެއް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު