މޯލްޑިވިއަންގައި ދިވެހި އުމްރާވެރިންގެ ގްރޫޕެއް ސައުދީ އަރަބިއްޔާއަށް ގެންގޮސްފިއެވެ.

މޯލްޑިވިއަންއިން ވަނީ މިމަހު އުމްރާގެ އަޅުކަމަށް ދާ ދިވެހީން ސައުދީއަށް ގެންދިއުމަށް ތިން ދަތުރެއް ކުރަން ނިންމައިފައެވެ.

މޯލްޑިވިއަން އިން އިއްޔެ ބުނީ އެގޮތުގެ މަތިންކުރާ ތިން ދަތުރުގެ ތެރެއިން ފުރަތަމަ ދަތުރު އިއްޔެ ކޮށްފައިވާ ކަމަށެވެ. އެއީ މުސާފިރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ގޮވައިގެން ކުރި ދަތުރެއްކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ދެން ކުރަން ހަމަޖެހިފައިވާ ދެ ދަތުރަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާ މީހުން ގެންދާ ދެ ދަތުރުކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ޕީއެސްއެމް އަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވެފައިވަނީ މޯލްޑިވިއަން އިން އުމްރާ ދަތުރުތައް ފަށަން ނިންމީ މި އަހަރުގެ ހައްޖު މޫސުމުގައި އެ ކުންފުނިން ކުރި ދަތުރުތަކާ ގުޅިގެން ގިނަ އަދަދެއްގެ އުމްރާ ކުންފުނިތަކުން އެ ހިދުމަތަށް އެދެމުން އަންނާތީ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިމަހު ފަހު ހަފުތާގައި އަޅުގަނޑުމެން ފްލައިޓްތަކެއް އެބަ އަޅަން އުމްރާއަށް އަދި މި އަހަރުގެ އެކި މުއްދަތުތަކުގެ ތެރޭގައިވެސް އުމްރާ ދަތުރުތައް ކުރަމުންދާނަން،" އިޔާސް ވިދާޅުވެފައިވެއެވެ.

އިޔާސް ވިދާޅުވެފައިވަނީ އުމްރާ ދަތުރުތައް ކުރާނީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުންޏަކާ އެކުގައި ކަމަށެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަނަށް ކޮށްދޭ އުމްރާ ދަތުރުތައް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހާއި 27 ވަނަ ދުވަހުގައި ކަމަށް އިޔާސް ވިދާޅުވެފައިވެއެވެ.