ވ. ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން އޮޔާދާތީ، ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާ ކަމަށެވެ.

އެެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށާއި އެ ބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވ. އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެހެންކަމުން ވ. އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށާއި އަދި ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.