މާލޭގައި ޕާކިން އިމާރާތެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނުވާގޮތުން މާލޭގައި މިހާރު ވެހިކަލް ޕާކު ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމަށްޓަކައި އެ ކައުންސިލުން މާލޭގެ އުތުރުގައި ޕާކިން ފެސިލިޓީއެއް އެޅުމަށް ޝަރުތު ހަމަވާ އަދި ޝައުގުވެރިވާ ފަރާތްތަކުގެ ސީލް ބިޑް ހޯދުމަށް ވަނީ އެދިފައެވެ.

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 13:00ގައި މާލެ ސިޓީ ކައުންސިލުގައި ބާއްވަން ހަމަޖެހިފައިވާ މައުލޫމާތު ސެޝަނުގައި ބައިވެރިވާން ޖެހެއެވެ.

ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ 10:00 އެވެ. އެއްވެސް ހާލަތެއްގައި ލަސްވެގެން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

މައުލޫމާތުދިނުމުގެ ސެޝަނުގައި ބިޑް ޑޮކިއުމަންޓްތަކާއި ޕްރޮޖެކްޓް ސްޕެސިފިކޭޝަންތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެއްވެސް އިންކުއަރީއެއް ނުވަތަ ސާފުކުރުމަށް ބޭނުންވާ މައުލޫމާތެއް ބޭނުންވާ ނަމަ، އެ ފުރުސަތު ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ބީލަން ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މައުލޫމާތުދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް ކަމަށެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް "ވަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާލޭގެ އާބާދީ އުފާވާނެ ފަދަ ޕާކިންތަކާއި މާއިޒާންތައް މިއަހަރު ނިމެންވާއިރަށް ތަރައްގީކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި އެއީ 700 އަށްވުރެ ގިނަ ޕާކިން ހިމަނައިގެން ކަމަށެވެ.