ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓުގެ މަހު ކުލި، އެ މަހެއްގެ 10 ގެ ކުރިން ދައްކާ ފަރާތްތަކަށް ފައިދާތަކެއް ލިބޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ބުނެފިއެވެ.
އެފްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ތެރެއިން، އާންމު ރައްޔިތުންނަށް އޮޅުންއަރާގޮތަށް ބައެއް މައުލޫމާތުތައް ދައުރުވަމުންދާ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓުގެ އެއްބަސްވުންތަކަކީ ޝަރީއާގެ ހަމަތަކާ އެއްގޮވާގޮތުގެމަތިން އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމުގައިވާތީ، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި މެއިންޓެނަންސް ފީ، އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފި ނަމަ، އެ ފަރާތަކަށް 100 ޕަސަންޓުގެ ސަބްސިޑީގެ މަންފާ ލިބިގެންދާނެ ކަމަށެވެ.
މަހުގެ 10 ވަނަ ދުވަހަށްވުރެ ފަހުން މަހު ކުލި ދައްކާ ހާލަތުގައި ލިބޭ ސަބްސިޑީގެ ޕަސަންޓު:
- މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ މަހު ކުލި ދައްކައިފިނަމަ 75 ޕަސަންޓު ސަބްސިޑީގެ މަންފާ
- މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ މަހު ކުލި ދައްކައިފިނަމަ 50 ޕަސަންޓު ސަބްސިޑީގެ މަންފާ
- މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ މަހުކުލި ދައްކައިފިނަމަ 25 ޕަސަންޓު ސަބްސިޑީގެ މަންފާ
- މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ މަހެއްގެ މަހުކުލި ދައްކާނަމަ ދައްކަންޖެހޭނީ ސަބްސިޑީގެ މަންފާ ނުހިމަނައި މަހު ކުލި
އެފްޑީސީން ބުނީ އެއްބަސްވުމުގެ ދަށުން މަހު ކުއްޔާއި ސަބްސިޑީ މަހުގެ ނިޔަލަށް ނުދައްކައިފި ނަމަ، އެ ފައިސާ ދެއްކުމަށް އެދި އެފްޑީސީން ކުއްޔަށް ހިފާ ފަރާތަށް ލިޔުމުން 30 ދުވަހުގެ ނޯޓިހެއް ފޮނުވުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ.
މަހު ކުއްޔާއި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ އަދި މެއިންޓެނަންސް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް:
ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް (މި ފައިސާއަކީ އެއްފަހަރު ދައްކަންޖެހޭ އަދަދެއް)
- ދެ ކޮޓަރީގެ އެޕާޓްމަންޓް: 15،000 ރުފިޔާ
- ތިން ކޮޓަރީގެ އެޕާޓްމަންޓް: 25،000 ރުފިޔާ
ކޮންމެ މަހަކަށް ޖެހޭ ކުލި:
- ދެ ކޮޓަރީގެ އެޕާޓްމަންޓް: 7,000 ރުފިޔާ
- ތިން ކޮޓަރީގެ އެޕާޓްމަންޓް: 9,000 ރުފިޔާ
މެއިންޓެނަންސް ފީ:
- ދެ ކޮޓަރީގެ އެޕާޓްމަންޓް: 1,000 ރުފިޔާ
- ތިން ކޮޓަރީގެ އެޕާޓްމަންޓް: 1,500 ރުފިޔާ
މަހު ކުއްޔާއި މެއިންޓެނަންސް ފީއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ:
- ދެ ކޮޓަރީގެ އެޕާޓްމަންޓް: 8,000 ރުފިޔާ
- ތިން ކޮޓަރީގެ އެޕާޓްމަންޓް: 10,500 ރުފިޔާ
ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ގަވާއިދުން ކުލި ނުދައްކާ މައްސަލައަކީ އާންމުކޮށް ފާހަގަވާ މައްސަލައެކެވެ. އެ މައްސަލަ މީގެ ކުރިން ސަރުކާރުން ވެސް ވަނީ ފާހަގަކޮށްފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންނާއެކު އެފްޑީސީން މިއަދު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވާ އިރު، އެ 4،000 ފްލެޓު ހަވާލުކުރަން ނިންމާފައިވަނީ ފަންކާ، ކުޑަދޮރު، ބޮޑު ދޮރު ހަރުކޮށް ޓައިލްސް ޖަހައި، މުޅި ފްލެޓުގައި ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށި ހަރުކުރުމަށްފަހުއެވެ.
ފާތިމަތު ލިއުޝާ
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން