ޓީމު ކުޅުންތެރިންނަށް މާ ބުރަ ބޮޑު ވާތީ ސައުދީ ސުޕަ ކަޕުގައި ވާދަ ނުކުރަން އަލް ހިލާލުން ނިންމައިފިއެވެ.

ސައުދީ ސުޕަ ކަޕު ތާވަލުކޮށްފައި ވަނީ އޮގަސްޓް 19 އިން 23 ވަނަ ދުވަހަށެވެ. އެ މުބާރާތް ކުޅޭ ގޮތަށް ނިންމާފައި ވަނީ ހޮން ކޮންގައެވެ. އެއީ ލީގު ފެށުމުގެ ކުރިއަށް ޓީމުތަކަށް ރާވާފައި އޮންނަ މުބާރާތެކެވެ. ސައުދީ ލީގު ފަށަން ތައްޔާރުވެފައި ވަނީ އޮގަސްޓް ފަހު ކޮޅަށެވެ.

އަލް ހިލާލުން މިދިޔަ ސީޒަނުގެ ލީގު ނިންމާލީ ދެވަނައިގައެވެ. އޭގެ އިތުރުން މިދިޔަ ސީޒަނުގެ ކިންގްސް ކަޕުގެ ކުއާޓާ ފައިނަލަށްވެސް ހިލާލުން ދަތުރު ކޮށްފައިވާ އިރު، އެޓީމުން ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގައިވެސް ކުޅެ ސެމީއާ ހަމައަށް ދަތުރު ކޮށްފައެވެ.

ރިޔާދަށް ނިސްބަތްވާ ހިލާލުން އޭގެފަހުން ވަނީ އެމެރިކާގައި ބޭއްވި ކްލަބު ވޯލްޑް ކަޕުގައިވެސް ކުޅެފައެވެ. ޖޫން 18 ވަނަ ދުވަހު އެޓީމުން ކްލަބު ވޯލްޑް ކަޕު ފެށީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ހިލާލުން ވަނީ މެންޗެސްޓާ ސިޓީވެސް ބަލިކޮށްފައެވެ.

ކްލަބު ވޯލްޑް ކަޕުން އަލް ހިލާލް ކެޓީ، ކުއާޓާގައި ފްލުމިނެންސޭ އަތުން ބަލިވެގެންނެވެ.

ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ކްލަބު ވޯލްޑް ކަޕުގެ ސަބަބުން 24 ދުވަހަށް ކުޅުންތެރިން ޗުއްޓީ ކުރުވި ކަމަށާއި، އެ ހާލަތަށް ދިޔައީ ދަތުރުފަތުރު ވެސް ގިނަ ވެގެން ކަމަށެވެ. ސުޕަ ކަޕުގައި ކުޅެފިނަމަ، ކުޅުންތެރީންނަށް ލިބޭނީ 20 ދުވަހުގެ ޗުއްޓީއެއް ކަމަށްވެސް ހިލާލުން ބުންޏެވެ.

ހިލާލުން ބުނީ ޝެޑިއުލް ބުރަބޮޑުވެގެން ގޮސް، އެ ކްލަބަށް ޕްރީ ސީޒަން ފަސްކުރަން ޖެހުނު ކަމަށާއި، އޭގެ ސަބަބުން އަންނަ ސީޒަނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތުވެސް ނުލިބޭ ކަމަށެވެ.