ބަންގުލަދޭޝް އެއާފޯސްގެ ޖެޓެއް ވެއްޓި، ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ފަހުގެ ތާރީހެއްގައި ބަންގުލަދޭޝްގައި ހިނގި، ވައިގެ މަގުގެ އެންމެ ބޮޑު ހާދިސާގައި އެ ޖެޓު ވެއްޓިފައިވަނީ ޑާކާގެ ސްކޫލު އަދި ކޮލެޖު ކެމްޕަސްއެއް ހިމެނޭ ސަރަހައްދަކަށެވެ. އެ ހާދިސާގައި މިހާތަނަށް ވަނީ 19 މީހަކު މަރުވެފައެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންގުލަދޭޝްގައި ހިނގި އެ ހާދިސާއާ ގުޅިގެން ބަންގުލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ހަވާލުވެ ހުންނެވި މުހައްމަދު ޔޫނުސް އާއި ސަރުކާރު އަދި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
"ދިވެހީންގެ ދުއާ އޮތީ، އަނިޔާ ލިބުނު ފަރާތްތަކާއި، އެމީހުންގެ އާއިލާތަކާއި، އަދި އެކަމުގެ އަސަރު ކުރި އެންމެހާ މީހުންނާއެކު،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅިގެން ބަންގުލަދޭޝްގެ ވަގުތީ ބޮޑުވަޒީރު މުހައްމަދު ޔޫނުސް ވިދާޅުވީ އެ ހާދިސާގައި 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
"އަނިޔާވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 83 މީހުންނަކީ ސްކޫލު ދަރިވަރުން. އަނިޔާވި މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން. ބައެއް މީހުންގެ ހާލު ސީރިއަސް،" ޔޫނުސް ވިދާޅުވިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއަދު ހިނގި އެ ހާދިސާގައި މަރުވި 19 މީހުންގެ ތެރޭގައި އެއާ ފޯސްގެ ޖެޓުގެ ޕައިލެޓު ވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު