މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިއާ 1، 2، އަދި 3ގެ ކުލިތަކަށް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ނިންމައިފިއެވެ.
އެމްޕީއެލުން މިއަދު ބުނީ އެ ކުންފުނިން ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ފޯރުކޮށްދެނީ ކަސްޓަމަރުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 24 ގަޑިއިރުގެ ސެކިއުރިޓީއާއެކުގައި ކަމަށެވެ.
އެ ސަރަހައްދުގައި މޯލްޑިވްސް ކަސްޓަމްސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ ފެސިލިޓީއެއް ގާއިމުކޮށްފައިވާނެ ކަމަށާއި ބޮންޑެޑް ވެއާހައުސް ސަރަހައްދުން މުދާ ލޯޑު ކުރުމާއި އަންލޯޑް ކުރުމަށް، ވަކި ކީ ވޯލެއް ކަނޑައަޅައިފައިވާނެ ކަމަށެވެ.
އެ ސަރަހައްދުގެ މެއިންޓަނަންސްގެ މަސައްކަތްވެސް އެމްޕީއެލުން ގަވައިދުން ކުރަމުންދާ އިރު، ދެެމެހެއްޓެނިވި ގޮތެއްގައި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ކުރުމަށް އެ ކުންފުނިން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެގޮތުން މިހާރު ކަސްޓަމަރުން އަމިއްލައަށް ކުނި އުކާލަން ޖެހުނު ނަމަވެސް، އަންނަ މަހުގެ 15 އިން ފެށިގެން ވޭސްޓް ޑިސްޕޯސަލްގެ ހިދުމަތްވެސް ބޮންޑް ވެއާހައުސްގެ ކަސްޓަމަރުންނަށް އެމްޕީއެލުން ފޯރުކޮށްދޭނެއެެވެ.
އެމްޕީއެލުން ބުނީ ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ލީސް ފީތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، އާންމު މުދަލުގެ އަގުތަކަށް ބާޒާރުގައި އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރާ ކަމަށާއި ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިއާ 1، 2 އަދި 3ގައި ބޮންޑް ކުރަނީ ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރު މަހުގެ ބާވަތްތަކަށް ކަމަށެވެ. އެ ވެއާހައުސްތަކުން ކޮންޓެއިނަރުތަކަށް ފީ ނެގުމަށް ހަމަޖެހިފައިވަނީ ޑޮލަރުންނެވެ.
ބޮންޑެޑް ވެއާހައުސްގެ ލީސް ފީތަކަށް ގެނައި ބަދަލުތައް:
- ސްޓޭކިން އޮޕްޝަންތަކާއެކު 20 ފޫޓުގެ ކޮންޓެއިނަރެއްގެ މަހު ކުއްޔަށް ޖީއެސްޓީއާއެކު 1,134.00 ޑޮލަރު.
- ސްޓޭކިން އޮޕްޝަންތަކާއެކު 40 ފޫޓުގެ ކޮންޓެއިނަރެއްގެ މަހު ކުއްޔަށް ޖީއެސްޓީއާއެކު 2,268 ޑޮލަރު.
ފާތިމަތު ލިއުޝާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް