އެޕަލްގެ ފުރަތަމަ ފޯލްޑަބަލް އައިފޯން އަންނަ އަހަރު ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ޓެކްނޮލޮޖީ ހަބަރުތަކުން ބުނެފިއެވެ.

ޓެކް ހަބަރުތައް ބުނާގޮތުގައި، މި ފޯނު ނެރޭނީ އަންނަ އަހަރުގެ ދެވަނަ ބައިގައި، އައިފޯން 18 ސިލްސިލާއާއެކުއެވެ. މިއީ އައިފޯން އެކްސްގެ ފަހުން އެޕަލް އައިފޯނަށް ގެންނަ އެންމެ ބޮޑު ބަދަލު ކަމަށް ވެދާނެއެވެ. މި ފޯނުގެ ޑިޒައިން ހުންނާނީ ސެމްސަންގްގެ ގެލެކްސީ ޒެޑް ފޯލްޑް 7 އާ އެއްގޮތަށް، ފޮތެއް ފަދައިން ބޭއްވޭ ގޮތަށެވެ. މީގެ މާނައަކީ، އެތެރޭ ބޮޑު ޑިސްޕްލޭއެއް (ޓެބްލެޓެއް ފަދައިން ބޭއްވޭ ގޮތަށް) އަދި ބޭރުގައި ކުޑަ ޑިސްޕްލޭއެއް ހުންނާނެއެވެ. މި ފޯނުގެ އަގު 2,000 ޑޮލަރާ ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެޕަލް އަބަދުވެސް އާ ޓެކްނޮލޮޖީތައް ބާޒާރަށް ނެރެނީ އެ ޓެކްނޮލޮޖީ ރަނގަޅުވެ، ފުރިހަމަ ވުމުންނެވެ. މި ފޯނުގައި އެޕަލްގެ އެންމެ ބޮޑު އެއް އަމާޒަކީ، ސްކްރީން ތެދުކުރާއިރު ފެންނަ ރޮނގު ކުޑަކުރުމެވެ. މި ފޯނުގައި 7.8 އިންޗީގެ އެތެރޭ ޑިސްޕްލޭއަކާއި 5.5 އިންޗީގެ ބޭރު ޑިސްޕްލޭއެއް ހުންނާނެ ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ފޯނު ހުޅުވާލުމުން 4.5 މިލިމީޓަރުގެ ތުނިމިނެއް އަދި ބަންދުކުރުމުން 9 މިލިމީޓަރުގެ ތުނިމިނެއް ހުންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. ފަހަތުގައި ޑުއަލް ކެމެރާ ސިސްޓަމަކާއި، ކުރިމަތީގައި މެޓާ ލެންސް ފްރަންޓް ކެމެރާއެއް ހުންނާނެ ކަމަށް ލވެސް ހަބަރުތައް ބުނެއެވެ. އަދި ޖާގަ ސަލާމަތްކުރުމުގެ ގޮތުން ފޭސްއައިޑީގެ ބަދަލުގައި ސައިޑުގައި ހުންނަ ޓަޗްއައިޑީ ސެންސަރެއް ހިމަނާފާއި ހުންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ސޮފްޓްވެއާގެ ގޮތުން، އައި.އޯ.އެސް. 27 އަށް ބަދަލުތަކެއް ގެނެސްފައި ހުންނާނެ ކަމަށާއި ބޮޑު ސްކްރީނުގެ ފައިދާ ނެގޭނެ ފީޗާތަކާއި، މަލްޓިޓާސްކިންގް އަދި އެޕަލް ޕެންސިލް ސަޕޯޓްވެސް ހިމެނޭނެ ހަބަރުތައް ބުނެއެވެ.

ފޯލްޑަބަލް ފޯނުތަކަށް ޗައިނާގައި އޮތް ޑިމާންޑަށް ބަލާއިރު، އެޕަލްގެ އެއް އަމާޒަކީ ޗައިނާ މާކެޓެވެ. ނަމަވެސް، ފުރަތަމަ މޮޑެލް ދުނިޔޭގެ އެކި މާކެޓުތަކަށް އެއްފަހަރާ ނެރޭނެކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އެޕަލްއިން މިކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.