ޔޫކްރޭނުން އިއްޔެ ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން މޮސްކޯގެ އެއާޕޯޓުތައް ބަންދުކޮށްފިއެވެ.

ޔޫކްރޭނުން ރަޝިޔާއަށް ދޭން ފެށި ޑްރޯން ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ވެރިރަށް މޮސްކޯގެ އެއާޕޯޓުތައް ބަންދުކޮށްފައިވާއިރު 140 ފްލައިޓު ކެންސަލް ކޮށްފައިވާކަަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ޔޫކްރޭނުން ފޮނުވާލި ޑްރޯން ހަމަލާތަކުގައި 230 ޑްރޯނު ވައްޓާލާފައިވެއެވެ. ޔޫކްރޭނުން ފޮނުވާލި ޑްރޯންތަކުގެ ތެރެއިން 27 ޑްރޯނެއް ރަޝިޔާގެ ވެރިރަށް މޮސްކޯއަށް އަމާޒު ކޮށްފައިވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ރަޝިޔާ ސަރުކާރުގެ އޭވިއޭޝަންއާއި ބެހޭ އޮފިޝަލުން ވަނީ މޮސްކޯގެ މައި ހަތަރު އެއާޕޯޓުގެ އޮޕަރޭޝަނަށް ބުރޫއަރާފައިވާއިރު އެ އެއާޕޯޓުތަކަށް ދަތުރުކުރަމުން ދިޔަ 130 ފްލައިޓު ޑައިވާޓް ކުރާން ޖެހިފައިވާކަމަށް ބުނެފައެވެ.

ރަޝިޔާގެ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް އިން ބުނެފައިވާގޮތުގައި ޔޫކްރޭނުން ހަމަލާދޭން ފެށުމާއެކު 24 ގަޑިއިރު ތެރޭ 10 ފަހަރެއްގެ މަތިން އެއާޕޯޓުތައް ބަންދުކޮށްފައިވެއެވެ.

މޮސްކޯގެ އޮފިޝަލުން ބުނާގޮތުގައި، ހަމަލާތަކުގެ ސަބަބުން 60،000 އަށް ވުރެން ގިނަ ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެފައިވެއެވެ.

ރަޝިޔާއާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދެގައުމަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެމެރިކާއިން އިސްވެ ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެގައުމު އެއްބަސް ކުރުވުމަށް މަސައްކަތް ފަށާފައެވެ.