ޗެލްސީ ޖާޒީގެ ކުރިމަތީގައި ސްޕޮންސާ ޖެހުމުގެ އެއްބަސްވުމަކަށް އެ ކްލަބުން ތައްޔާރުވަމުންދާ ކަމަށް ނޫސްތައް ބުނެފިއެވެ.

ޗެލްސީން މިދިޔަ ސީޒަނުގެ ބޮޑުބައެއްގައި ވެސް ކުޅުނީ ޖާޒީގެ ކުރިމަތީގައި ސްޕޮންސާއެއް ނުޖަހައެވެ. އެއީ ބޮޑެތި ބައެއް ޑީލްތަކަށް ނޫނެކޭ ބުނުމަށްފަހުއެވެ. އެގޮތަށް ސީޒަނުގެ ބޮޑުބައެއްގައި ޗެލްސީ ޖާޒީ ފެނިގެން ދިޔަ ނަމަވެސް، ކުރު މުއްދަތުގެ ޑީލެއްގައި ޑުބާއީގެ ޑަބަކާއެކު ޗެލްސީން ވަނީ އެއްބަސްވުމަކަށް ގޮސްފައެވެ.

ސީޒަން ނިމުމަކަށް ދިޔައިރު ޗެލްސީން ޖާޒީ ސްޕޮންސާއެއް ބޭނުން ކުރަމުން ދިޔަ ނަމަވެސް، ކްލަބު ވޯލްޑް ކަޕަށް ނުކުތީ ސްޕޮންސާޝިޕް ޑީލެއް ނެތިއެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން ގާތްގަނޑަކަށް 10 ވަރަކަށް ކުންފުންޏާ އެކު މަޝްވަރާ ކޮށްފައިވާ އިރު، ނޫސްތަކުން ބުނީ އޭރު ޗެލްސީ ޖާޒީގެ ސްޕޮންސާޝިޕް ޑީލްގެ އަގުތައް ހުރީ ގާތްގަނޑަކަށް 40 މިލިއަން ޕައުންޑާއި 60 މިލިއަން ޕައުންޑާ ދެމެދު އަގެއްގައި ކަމަށެވެ.

އެ އަގުގައި ކުރިން ޑީލްގެ އަގުތައް ހުރި ކަމަށް މީޑީއާތަކުން ރިޕޯޓު ކުރި ނަމަވެސް ޗެލްސީން ކްލަބު ވޯލްޑް ކަޕު ކާމިޔާބުކުރުމާ އެކު މިހާރު ވަނީ އަގު އަރައިގެން ގޮސްފައެވެ. އެގޮތުން ރިޕޯޓުތައް ބުނީ މިހާރު ޗެލްސީން ދެ ކުންފުންޏަކާ އެކު ޖާޒީގެ ސްޕޮންސާ ޑީލަކަށް މަޝްވަރާ ކުރާ ކަމަށާއި ބެލެވޭ ގޮތުގައި އަގަކީ 100 މިލިއަން ޕައުންޑް ކަމަށެވެ.

ސީޒަނަކަށް 100 މިލިއަން ޕައުންޑްގެ ޖާޒީ ސްޕޮންސާ ޑީލެއްގައި ސޮއިކުރަން ޗެލްސީން ތައްޔާރުވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ސީޒަން ފެށެންވާއިރަށް އެ ޑީލްގައި ސޮއިކުރެވޭނެކަމުގެ ޔަގީންކަމެއް އަދި ނެތެވެ. އެހެން ނަމަވެސް ސީޒަނުގެ ކޮންމެވެސް ހިސާބަކުން އެ ޑީލް ހެދޭނެ ކަމަށް ނޫސްތައް ބުނެއެވެ.

ޗެލްސީއަށް ކްލަބު ވޯލްޑް ކަޕުން ބޮޑު ފައިދާއެއްވެފައިވާ އިރު، އެ ފައިދާއާއެކު ކުޅުންތެރިންނާއި ސްޓާފުންނަށް ބޯނަސް ބަހަންވެސް ވަނީ ނިންމައިފައެވެ.