މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޮޑު އަޕްގްރޭޑެއް ގެނެސްފިއެވެ.
އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕަށް ގެނައި އާ ބަދަލުތައް ތައާރަފުކޮށްދެއްވީ، އަމީނީ މަގުގައި ހުންނަ އެ ކުންފުނީގެ ކަސްޓަމާ ސާވިސް ބިލްޑިންގުގައި އެ ކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕަށް އިތުރު ބަދަލުތަކެއް ގެނެސްފައި ވަނީ ހިދުމަތްތައް ހޯދަން ކައުންޓަރަށް ދިއުމުގެ ބަދަލުގައި، އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ބިލްތަކަށް ފައިސާ ދެއްކުމާއި އެހެނިހެން ހިދުމަތްތައް ލިބިގަނެވޭނެ ގޮތަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މޯބައިލް އެޕަށް ގެނައި ހެޔޮބަދަލުތަކާއެކު، ކުރީން އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕްލިކޭޝަނުން ލިބެމުން ދިޔަ ހިދުމަތްތަކާއި އަދި އީ-ޕޯޓަލް މެދުވެރިކޮށް ލިބެން ހުރި ހުރިހާ ހިދުމަތްތަކުގެ އިތުރުން އާ ހިދުމަތްތައްވެސް ލިބޭނެއެވެ.
އެމްޑަބްލިޔުއެސްސީގެ އެޕްގައި އަލަށް ހިމެނި ފީޗާސްތައް:
- އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު މޯބައިލް އެޕްލިކޭޝަނަށް ލޮގިން ކުރެވުން
- އީފާހުން ލޮގިން ކުރުމާއެކު އެ ފަރާތެއްގެ ނަމުގައިވާ ހުރިހާ މީޓަރެއް ފެންނަން ހުރުން.
- ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށައެޅުން.
- ކަސްޓަމަރުން އެދިފައިވާ ހިދުމަތްތަކުގެ ތަފްސީލާއި އެ ހިދުމަތުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ އަދާހަމަ ވަގުތުން ބެލޭނެގޮތް ވުމާއި އެ ހިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ދެއްކުން.
- މަލްޓިޕޭ މެދުވެރިކޮށް އެކި އެކައުންޓުތަކުގެ ބިލްތަކަށް އެއް ފަހަރާ ފައިސާ ދެއްކުން.
- މީޓަރުގެ ރީޑީން އާއި ފޮޓޯއެއް އަޕްލޯޑް ކޮށްލައިގެން މަހުގެ ކޮންމެ ހިސާބެއްގައިވެސް ބިލް ހެދުމަށް ރިކުއެސްޓް ކުރެވުން.
- ސްމާޓް މީޓަރު މިހާރު ބޭނުންކުރަމުން އަންނަ ކަސްޓަމަރުން ފެން ބޭނުންކުރަމުން އަންނަ މިންވަރާއި ބިލަށް އަރާ ފައިސާގެ މިންވަރު ދުވަހުން ދުވަހަށް ބަލައިލެވުން.
- ސްމާޓް މީޓަރުތަކުން އެ ވަގުތަކު ބިލަށް އަރާފައިވާ މިންވަރު ދެނެގަނެވުން
- ސްމާޓް މީޓަރުތަކުން އެ މަހެއްގެ އަންދާޒީ ބިލްގެ މިންވަރު ދެނެގަތުން.
- އެއް އަހަރު ދުވަހުގެ އެކައުންޓް ސްޓޭޓްމަންޓް ބަލައިލެވުން
- އެމްޑަބްލިޔުއެސްސީގެ އެޕްލިކޭޝަނަށް ގެނައި އާ ބަދަލުތައް ތައާރަފުކޮށްދެއްވައި މަތީން ވިދާޅުވީ، އާ ހިދުމަތްތަކާއެކު އެ ކުންފުނީގެ އެޕް އަލުން އާންމު ކުރުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކަސްޓަމަރުން ކުންފުނީގެ ހިދުމަތްތައް ހޯދުމުގައި ވީހާވެސް ލުއިފަސޭހަކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެޕްލިކޭޝަނަށް މި ގެނެވުނު ބަދަލަކީ "މޯލްޑިވްސް 2.0" ގެ ދަށުން އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބައެއް ކަމަށާއި މި ބަދަލުތަކާއެކު އެޕް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެ، ކުންފުނީގެ ހިދުމަތްތައް އަވަސް ވެގެން ދާނެކަމުގައިވެސް އެމްޑީ މަތީން ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނީ އެޕްލް އެޕްސްޓޯރު އަދި ގޫގުލް ޕްލޭ ސްޓޯރު މެދުވެރިކޮށެވެ. އެޕްލިކޭޝަންއާ ގުޅުންހުރި އިތުރު މައޫލޫމާތާއި އެހީތެރިކަން އެ ކުންފުނީގެ ކަސްޓަމަރު ސާވިސް ހޮޓްލައިން 105 އިން ފޯރުކޮށްދެމުން ގެންދާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް mwsc.com.mv ގައި އެޕާ ގުޅޭ މުހިންމު މައޫލޫމާތުތައް ޝާއިއުކުރެވިފައި ހުންނާނެއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް