ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
އިނގިރޭސިވިލާތަށް ރައީސް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު ހެނދުނު އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި މިނިސްޓަރުންނެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ) އާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ދިވެހީންނަށް އިނގިރޭސިވިލާތުން ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރުކޮށްދިނުމާ ގުޅޭގޮތުން އެ ގައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޑޭވިޑް ލެމީ އެމްޕީ، އާ ވެސް މަޝްވަރާކުރެއްވިއެވެ.
ރައީސް ވަނީ ރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އެ ފޯރަމްގައި އެ މަނިކުފާނު ވަނީ ރާއްޖޭގައި ހުރި ފުރުސަތުތައް ބައްލަވައިލެއްވުމަށް އިނގިރޭސިވިލާތުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވައިފައެވެ.
އެ ފޯރަމްގެ ތެރެއިން ރައީސް ވަނީ "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ އާ ގައުމީ ބްރޭންޑެއް އިފްތިތާހުކޮށްދެއްވައިފައެވެ. އެ ބްރޭންޑު ތައާރަފުކުރުމަކީ ކަނޑުގެ ވަސީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު އެއް މަސައްކަތް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އެ ބްރޭންޑާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ އެއީ އަގު އެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ.
އެ ބްރޭންޑަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަގުވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖުތިމާއީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާއަތެއްކަމެވެ.
އެކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން އިތުރަށް ބުނީ:
- ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަގާފީ މުއްސަނދިކަންވެސް އެ ބްރޭންޑުން ދައްކުވައިދޭ ކަމަށް
- ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްގީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާއަތެއްކަން އެނގޭ ކަމަށް
ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ ރައީސް އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު