ސާފިން އެސޯސިއޭޝަންގެ ފަރާތުން ކުރިއަށްގެންދިޔަ ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެންޓް، މުލީކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފިއެވެ.

މ. މުލީގައި މިއަދު ނިމިގެންދިޔަ މުލީކޮޅު ރާޅުގަނޑު އިވެންޓްގެ ފިރިހެން އޯޕަން ކެޓަގަރީގައި 22 އެތުލީޓުން ވާދަކުރި އިރު، ޖޫނިއާ ޑިވިޝަނުގައި 21 އެތުލީޓުން ވާދަކުރިއެވެ. މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މުލީގައި ކުރިއަށް ދިޔަ އިވެންޓްގެ ފިރިހެން އޯޕަން ޑިވިޝަނުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލް ހީޓުތައް ކުރިއަށް ދިޔަ އިރު، ހުކުރު ކުރީ ކުރިއަށް ގެންދިޔައީ ކުއާޓާ ހީޓްތަކެވެ.

ކުއާޓާގެ ވަރުގަދަ ހީޓުތަކާއެކު ސެމީގެ ފުރަތަމަ ހީޓްގައި އަންމަޑޭ ނުކުތީ ކަޔާން އަބްދުﷲ އަރީފާ ދެކޮޅަށެވެ. އަންމަޑޭ 10.50 ގެ ސްކޯއެއް ހީޓުން ހޯދި އިރު، ކަޔާންއަށް ހެދުނީ 5.17 ގެ ސްކޯއެކެވެ.

ސެމީގެ ދެވަނަ ހީޓުގައި އެންމެފަހުން މިދިޔަ އަހަރު މުލީކޮޅުގެ ޗެމްޕިއަންކަން ހޯދި އިސްމާއީލް ރަޝީދު (ސްމައިލީ) އާއި ސައްޔިދު ސަލާހުއްދީން ވާދަކޮށް، ސްމައިލީ ހީޓް ކާމިޔާބުކުރީ 13.83 ގެ ސްކޯއަކުންނެވެ. ސައްޔިދަށް ހޯދުނި 11.83 ގެ ސްކޯއެކެވެ.

ފައިނަލް ހީޓް ވާދަވެރިކޮށް ފެނިގެން ދިޔަ އިރު، އަންމަޑޭ މޮޅުވީ 12.07 ގެ ސްކޯއެއް ހަދައިގެންނެވެ. ސްމައިލީއަށް ފައިނަލް ހީޓުގައި ހޯދުނީ 11.33 ގެ ސްކޯއެކެވެ.

މުލީކޮޅު ރާޅުގަނޑުގެ ޖޫނިއާ ޗެމްޕިއަނަކީ ސައްޔިދެވެ. އޭނާ ފައިނަލުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީއާ ވާދަކޮށް، 18 ޕޮއިންޓާއެކު ފައިނަލުން މޮޅުވި އިރު، ހަމްދާނަށް ހެދުނީ 12.83 ގެ ސްކޯއެކެވެ. ސައްޔިދު ވަނީ ޖޫނިއާ ފައިނަލް ހީޓުގައި 9.67 ސްކޯގެ ރާޅެއް އަޅާފައެވެ.