ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ މާސްޓާޕްލޭންގެ މަސައްކަތް ނިމި މިއަހަރުގެ ސެޕްޓެމްބަރުގެ މަހުގެ ނިޔަލަށް އެ މާސްޓާޕްލޭން ލިބޭނެ ކަމަށް ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ވީއައިއޭގެ މާސްޓާޕްލޭން ހެދުމުގެ އަސާސަކަށްވަނީ 2007 ވަނަ އަހަރު ސްކޮޓްވިލްސަން ކިޔާ ކުންފުންޏަކުން ހެދި މާސްޓާޕްލޭނެއްގެ މައްޗަށް ކަމަށެވެ. ޝަރީފު ވިދާޅުވީ އެފަހުން އެ މާސްޓާޕްލޭންގެ މައްޗަށް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުން އިތުރަށް ޑިވެލޮޕްކޮށްފައިވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފައި އިއުލާންކުރެއްވި އާ ތަސައްވަރެއް. މީ އެއާޕޯޓަކީ އެއާޕޯޓާ ގުޅިގެން ޑައުންޓައުން، ޑިއުޓީ ފްރީއާ، ފްރީޒޯނާ މިކަހަލަ ބައިވަރު ކަންތައްތަކެއް ކުރެވިދާނެ ކަމެއް. އެ މާސްޓާޕްލޭންގައި މި ހުރިހާ ކަމެއް ހިމެނޭ. އަޅުގަނޑުމެން މިހާރު ބަޔަކާ ހަވާލުކޮށްގެން އިރާދަކުރެެއްވިއްޔާ ސެޕްޓެމްބަރު ނިމޭ ހިސާބުގައި މި މާސްޓާ ޕްލޭން އަޅުގަނޑުމެންގެ އަތަށް އަރާނެ. މާސްޓާޕްލޭން އަތަށް އެރުމާ އެއްކޮށް އިރާދަކުރެއްވިއްޔާ އޭގައި ހުރި ވަކި ކޮމްޕޯނެންޓުގެ އަމަލީ މަސައްކަތް ފައްޓާނަން،" ޝަރީފު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޑޮމެސްޓިކް ޓާމިނަލް އިތުރަށް ތަރައްގީ ކުރުން ހިމެނޭ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އިންޓަނޭޝަނަލް ޓާމިނަލްއާ އެއް ފެންވަރަކަށް ޑޮމެސްޓިކް ޓާމިނަލް ވެސް ތަރައްގީ ކުރަން ޖެހޭ ކަމަށާއި ސަބަބަކީ ޓޫރިސްޓުން ޑޮމެސްޓިކް ޓާމިނަލް ވެސް ބޭނުންކުރުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓްރާންޝިޝަން ޕީރިއަޑުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ކަމަށެވެ. އެ ދުވަހުން ފެށިގެން ރައީސް މުއިއްޒު އެންމެ އިސްކަމެއް ދެއްވަމުން ގެންދެވީ އެ މަޝްރޫއަށް ކަމަށް ޝަރީފު ވިދާޅުވިއެވެ. އާ ޓާމިނަލުގެ މޭސްތިރިއަކީ ކާކުތޯ ހަގީގަތަށް ދަންނަވާނަމަ އެ ބޭފުޅަކީ ރައީސް މުއިއްޒު ކަމަށް ޝަރީފު ވިދާޅުވިއެވެ.

އާ ޓާމިނަލް މަސައްކަތް ނިމި މިހާރު ހުޅުވުމުގެ ތައްޔާރީތައް ވަމުންދާ އިރު، އާ ޓާމިނަލްގެ ސަބަބުން ހުރިހާ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.