ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަަދައްކަވަމުން ޝަރީފު މިއަދު ވިދާޅުވީ އެމްއޭސީއެލްއަކީ ވިޔަފާރީގެ ދާއިރާގެ ތަޖުރިބާ ހުރި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަަމަށެވެ.
ޝަރީފު ވިދާޅުވީ އޭނާ، އެމްއޭސީއެލްއާ ހަވާލުވި އިރު ވީއައިއޭގައި ކާގޯ ޓާމިނަލެއް ހުންނަ ކަމަށާއި ނަމަވެސް އެއީ އޭރު ބޭނުންކުރަމުންދިޔަ ކާގޯ ޓާމިނަލެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ ވަނީ އެމްއޭސީލްއެލްއާ ހަވާލުވިތާ ދެމަސް ދުވަހުގެ ތެރޭގައި ކާގޯ ޓާމިނަލް އޮޕަރޭޝަނަށް ގެނެސްފައި ކަމަށް ޝަރީފު ވިދާޅުވިއެވެ.
ސީޓް ޓު އެއާ ހިދުމަތް، ފިއުލް ހައިޑްރެންޓް ސިސްޓަމް ބޭނުންކުރަން ފެށުމާ އެކު ފުލައިޓުތައް ރިޓާން ޓައިމް އަވަސްވެ، އިތުރު ފުލައިޓު ޖައްސާނެ ޖާގަ ހެދިގެން ދިޔަ ކަމަށް ޝަރީފު ވިދާޅުވިއެވެ.
އަދި އާ ޓާމިނަލް ހުޅުވި އެފްއެންބީން މަންފާ ލިބި އާ ޓާމިނަލް ހުޅުވުމުގެ ސަބަބުން ޕްރައިމް ސްލޮޓް ޓައިމްގައި އަންނަ ފުލައިޓުތަކަށް ޖާގަ ލިބިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އިތުރު ފުލައިޓުތައް ގެނައުމުގެ މަސައްކަތް ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
"މި ދޭތެރެއިން އޮޑިޓާ ޖެނެރަލް އަޅުގަނޑުމެންގެ ހިސާބު ކިތާބު އާންމު ކުރި، ބައްލަވާލައްވާ އަޅުގަނޑުމެންގެ ހިސާބު ކިތާބު. އިރާދަކުރެއްވިއްޔާ އެ ހުރީ ރަނގަޅަށް. މިދިޔަ އަހަރަށްވުރެ މިއަހަރު އެއަށްވުރެެ ރަނގަޅު. އަޅުގަނޑުމެންނަށް ބޭންކުތަކުން ލޯނު ދެނީ އަދި ފަންޑިން އެޖެންސީތަކުން ލޯނު ދޭއިރުވެސް އަޅުގަނޑުމެންގެ ބެލެން ޝީޓަށް ބަލާ، ކޭޝް ފްލޯއަށް ބަލާ، ފިއުޗާގެ އަޅުގަނޑުމެންގެ ޕްރޮޖެކްޝަންތައް ކިހިނެއްތޯ ބަލާ. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ އެމްއޭސީއެލްގައި މި ލޯނުތައް ދެއްކުމުގެ ގާބިލްކަން ފުރިހަމައަށް އެބައޮތޭ. އެހެންވީމާ އެއްވެސް ބޭފުޅަކު މިކަމާ ހާސްވެ ވެޑައިގަންނަވާނެ ކަމެއް ނެތް. އެމްއޭސީއެލް މި ލޯނުތައް ދައްކާ ނިންމާނެ،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އެމްއޭސީއެލުން ވީއައިއޭގެ މާސްޓާޕްލޭން ހެދުމުގެ އަސާސަކަށްވަނީ 2007 ވަނަ އަހަރު ސްކޮޓްވިލްސަން ކިޔާ ކުންފުންޏަކުން ހެދި މާސްޓާޕްލޭނެއްގެ މައްޗަށް ކަމަށެވެ. ޝަރީފު ވިދާޅުވީ އެފަހުން އެ މާސްޓާޕްލޭންގެ މައްޗަށް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުން އިތުރަށް ޑިވެލޮޕްކޮށްފައިވާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފައި އިއުލާންކުރެއްވި އާ ތަސައްވަރެއް. މީ އެއާޕޯޓަކީ އެއާޕޯޓާ ގުޅިގެން ޑައުންޓައުން، ޑިއުޓީ ފްރީއާ، ފްރީޒޯނާ މިކަހަލަ ބައިވަރު ކަންތައްތަކެއް ކުރެވިދާނެ ކަމެއް. އެ މާސްޓާޕްލޭންގައި މި ހުރިހާ ކަމެއް ހިމެނޭ. އަޅުގަނޑުމެން މިހާރު ބަޔަކާ ހަވާލުކޮށްގެން އިރާދަކުރެެއްވިއްޔާ ސެޕްޓެމްބަރު ނިމޭ ހިސާބުގައި މި މާސްޓާ ޕްލޭން އަޅުގަނޑުމެންގެ އަތަށް އަރާނެ. މާސްޓާޕްލޭން އަތަށް އެރުމާ އެއްކޮށް އިރާދަކުރެއްވިއްޔާ އޭގަހުރި ވަކި ކޮމްޕޯނެންޓުގެ އަމަލީ މަސައްކަތް ފައްޓާނަން،" ޝަރީފު ވިދާޅުވިއެވެ.
އޭގެ ތެރޭގައި ޑޮމެސްޓިކް ޓާމިނަލް އިތުރަށް ތަރައްގީ ކުރުން ހިމެނޭ ކަމަށް ޝަރީފު ވިދާޅުވިއެވެ. އިންޓަނޭޝަނަލް ޓާމިނަލްއާ އެއް ފެންވަރަކަށް ޑޮމެސްޓިކް ޓާމިނަލް ވެސް ތަރައްގީ ކުރަން ޖެހޭ ކަމަށާއި ސަބަބަކީ ޓޫރިސްޓުން ޑޮމެސްޓިކް ޓާމިނަލް ވެސް ބޭނުން ކުރާތީ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ރައީސް މުއިއްޒު، ޓްރާންޝިޝަން ޕީރިއަޑުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ކަމަށެވެ. އެ ދުވަހުން ފެށިގެން ރައީސް މުއިއްޒު އެންމެ އިސްކަމެއް ދެއްވަމުން ގެންދެވީ އެ މަޝްރޫއަށް ކަމަށް ޝަރީފު ވިދާޅުވިއެވެ. އާ ޓާމިނަލުގެ މޭސްތިރިއަކީ ކާކުތޯ ހަގީގަތަށް ދަންނަވާނަމަ، އެ ބޭފުޅަކީ ރައީސް މުއިއްޒު ކަމަށް ޝަރީފު ވިދާޅުވިއެވެ.
އާ ޓާމިނަލް މަސައްކަތް ނިމި މިހާރު ހުޅުވުމުގެ ތައްޔާރީތައް ވަމުންދާ އިރު، އާ ޓާމިނަލްގެ ސަބަބުން ހުރިހާ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް