އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށް ރާއްޖޭގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އެހެންކަމުން ރާއްޖޭގައި ހުރި ފުރުސަތުތައް ބައްލަވައިލެއްވުމަށް އެގައުމުގެ ވިޔަފާރިވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

ރައީސް މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް ވަނީ މިރޭ ތަގުރީރުކުރައްވައިފައެވެ.

އެ ތަގުރީރު ނިންމަވައިލައްވަމުން ރައީސް ވިދާޅުވީ މުހިންމު ވިޔަފާރިތަކުގައި ބައިވެރިވުމަށް ރާއްޖޭން އޮތީ ތައްޔާރަށް ކަމަށެވެ. މިއީ ދެމެހެއްޓެނިވި ކުރިއެރުމާއި، އާ ގޮތްތަކާއި، އެންމެންނަށް ފައިދާވާނެ ކުރިއެރުމަށް ރާއްޖެއެކޭ އެއްފަދައިން އެކަމަށް ތާއީދުކުރާ ފަރާތްތަކަށް ރާއްޖޭން މަރުހަބާ ކިޔާނެ ކަމަށެވެ.

"ޔޫކޭގެ ވިޔަފާރިތަކަށް، ތިޔަ ބޭފުޅުންގެ އާ ގޮތްތަކާއި، ތަޖުރިބާއާއި، އަގުތަކާއެކު، ރާއްޖޭގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންކަމުން، ރާއްޖޭގައި ހުރި ފުރުސަތުތައް ބައްލަވައިލެއްވުމަށް އިހުލާސްތެރިކަމާއެކު ދައުވަތު އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެ- ޔޫކޭ ބިޒްނަސް ފޯރަމްގެ ތެރެއިން -- (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ވިދާޅުވީ މިވަގުތަކީ ހަމައެކަނި އިންވެސްޓްމަންޓުގެ ވަގުތެއް ނޫން ކަމަށާއި މިއީ މުސްތަގުބަލަށް ތައްޔާރު އިގުތިސޯދެއް އެކުލަވާލުމުގެ ވަގުތު ކަމަށެވެ.

"އެކުގައި، ވަރުގަދަ، ކުރިމަގަށް ބަލައި ހަރުދަނާ ގުޅުންތަކެއް ގާއިމުކުރަމާ ހިންގަވާ. އެކުގައި ކުރެވިދާނެ ކަންކަން ހަގީގަތަކަށް ހަދަމާ ހިންގަވާ،" ތަގުރީރު ނިންމަވައިލައްވަމުން ރައީސް ވިދާޅުވިއެވެ.