އުމްރާއަށް ގެންދިއުމަށް ފައިސާ އަތުލުމަށްފަހު އަސްކޮއި ގްރޫޕުގެ ވެރިން ފިލި ކަމަށްބުނާ މައްސަލައިގައި، އެ ގްރޫޕަށް ފައިސާ ދެއްކި މީހުން ވީހާވެސް އަވަހަކަށް ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަނަށް މައުލޫމާތު ހުށަހެޅުމަށް އެދިއްޖެއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވާ ބައެއް ޕޯސްޓުތަކުގައިވާ ގޮތުން އަސްކޮއި ހައްޖު-އުމްރާ މޯލްޑިވްސްގެ ވެރިން ވަނީ ގިނަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެފަހު ވަގުތު ނުދެވޭނެ ކަމަށްބުނެ، ޕާސްޕޯޓާއި ފައިސާއާއެކު ރާއްޖެ ދޫކޮށް ގޮސްފައި ކަމަށެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ "ވަން"އަށް ވިދާޅުވީ އެ މައްސަލަ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ މިރޭ. އެޓެންޑު ކުރަމުންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމުގެ އިތުރު މައުލޫމާތުދެއްވަމުން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް މިރޭ އައުމާ ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވާ ކަމަށެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ގެންދާނެ ކަމަށްބުނެ ބައެއްގެ އަތުން ފައިސާ ނަގައި އުމްރާއަށް ގެންދިއުމުގެ ކަންކަން ހަމަޖައްސާފައިނުވާ ކަމަށްބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އަސިސްފާއިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވާރާކޮށް އެ ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން އެ މައްސަލަ ތަހުގީގުކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ގްރޫޕުގެ ފަރާތުން އެފަދަ ކަމެއް އިިތުރު ފަރާތަަކަށް ދިމާވެފައިވާ ނަމަ، އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ނަމްބަރު 9790048 އަށް ގުޅުމަށް ނުވަތަ މަޖީދީމަގުގައި ހުންނަ ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް ފުލުހުން އެދެއެވެ.