ސިއްހީ ދައިރާގައި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާއިވާ ހ. ސެންޓާލަމް އަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވެއްޖެއެވެ.

ކަރީމްބެ އަވަހާރަވީ އުމުރުފުޅުން 80 އަހަރުގައި އިއްޔެގެ ވަގުތެއްގައެވެ.

ކަރީމްބެ ނިޔާވުމުން ތައުޒިޔާ ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް ގެއްލުނީ، އެ ދާއިރާއަށް މިދިޔަ ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖްރިބާކާރު، އެންމެންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ސަހްސިއްޔަތެއް ކަމަށެވެ.

"ދިވެހި ދައުލަތަށް ދިގު މުއްދަތަކު ހިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝަރަފްވެރިއެކެވެ. އަޅުގަނޑުގެ ހިތުގެ އިހްލާސްތެރި ދުއާއަކީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުހޫމް އަބްދުލްކަރީމް އާދަމް ލެހެއްޓެވުމެވެ. އާމީން." ރައީސްގެ ތައުޒިޔާ ޕޯސްޓުގައިވެއެވެ.

ކަރީމްބެ، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 18 ޖޫން 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސިއްހަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ ވަޒީފާއެވެ.

އޭގެ ފަހުން 16 ޖުލައި 2009 ގައި އުމުރުން 65 އަހަރުވެގެން ރިޓަޔާ ކުރައްވަންދެންވެސް ހިދުމަތް ކުރެއްވީ ސިއްހީ ދާއިރާގައެވެ. އެންމެ ފަހުން ކަރީމްބެ ހުންނެވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ކަރީމްބެއަކީ، ޓީބީ އާއި ފައިލޭރިއާ އާއި ލެޕްރަސީ ފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރާ ފަރާތްތައް އެކަހެރިކޮށް، އެ ފަރާތްތަކަށް ފަރުވާދިނުމުގައި، އެކި އަތޮޅުތަކުގައި ހުންނަވައިގެން، އެކި ފަހަރުމަތިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރާއްޖެއިން ޔޫރަޕްގެ މާކެޓަށް އެކްސްޕޯޓް ކުރާ ކަންނެލި، ޔޫރަޕްގެ ސްޓޭންޑަޑަށް ޕެކް ކުރެވޭކަން ކަށަވަރުކޮށް، ސެޓުފިކެޓު ދޫކުރެއްވުމާއި ރާއްޖެއަށް އަލަށް އެތެރެކުރާ ބޭސް ޓެސްޓުކޮށް އިމްޕޯޓް ކުރުމުގެ ހުއްދަ ދެއްވުމުގެ މަސައްކަތުގައި ވެސް އުުޅުއްވި ބޭފުޅެކެވެ.

ކަރީމްބެގެ ގައުމީ ހިދުމަތްތައް ފާހަގަކުރައްވާ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު ސަރުކާރުން ވަނީ ދެއްވައިފައެވެ.

އަބްދުލްކަރީމް މައްޗަށް ކުރެވޭ ކަށުނާމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައެވެ.