މަހަކު ތިން މިލިޔަން ރުފިޔާ އެޕޯލޯ ކުންފުންޏަށް ދައްކައި، 27 މިލިޔަން ރުފިޔާގެ ދަރަނި ހަލާސްކުރަން ފެނަކަ ކޯޕަރޭޝަނަށް ސިވިލްކޯޓުން އަންގައި ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އެޕޯލޯ ކުންފުނިން ފެނަކަ ކޯޕަރޭޝަނަށް ކްރެޑިޓަށް ދޫކޮށްފައިވާ މުދަލަށް ދައްކަން ޖެހޭ 27 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން ސިވިލްކޯޓުގައި އެޕޯލޯއިން ކުރި ދައުވާގެ މައްސަލައެކެވެ.

މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 18 ގައި އެޕޯލޯ ކުންފުނިން ފެނަކައާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެދިފައި އޮތީ އެ ކުންފުނިން ފެނަކައަށް ދީފައިވާ މުދަލާ ގުޅިގެން ދައްކަން ޖެހި ނުދައްކައިވާ 27.1 މިލިއަން ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ފެނަކައިން ނަގައިދިނުމަށެވެ. އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަމުރުކޮށްދިނުމަށާއި އެ ފައިސާ ނުލިބި ލަސްވާ ލަސްވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެޕޯލޯ ކުންފުނިން އެދުނެވެ.

އޭގެ އިތުރުން ފެނަކައިން އެ ދައުވާއަށް ރައްދުދީފައި ނުވާތީ މައްސަލަ ފެނަކައިގެ ގައިރު ހާޒިރުގައި ކުރިއަށް ގެންދިއުމަށްވެސް އެޕޯލޯ ކުންފުނިން ކޯޓުގައި އެދުނެވެ.

ހަމަ އެއަހަރުގެ ނޮވެމްބަރުމަހުގެ 24ގައި ސިވިލްކޯޓުން ކުރި ހުކުމްގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ އާދަމް ޒާލިފް ވިދާޅުވީ ދައުވާ ލިބޭ ފަރާތުން ދައުވާ ފޯމާއި އެ ފޯމާ ގުޅޭ ލިޔުންތަކާ ހަވާލުވުމަށްފަހު ދައުވާއަށް ރައްދުދީފައި ނުވާނަމަ ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަަމަށެވެ.

ގާޒީ ވިދާޅުވީ ދައުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން އެޕޯލޯ ކުންފުނިން، ފެނަކައަށް ފޯރުކޮށްދީފައިވާ މުދަލާ ގުޅިގެން 2024 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ދައްކަން ޖެހޭ 27.1 މިލިއަން ރުފިޔާއަކީ ނަގައިދެވޭނެ ފައިސާ ކަމުގައި ދެކޭ ކަމަށެވެ. ނަމަވެސް ހަރަދުކޮށްފައިވާ ފައިސާއެއްކަން ސާބިތު ނުވާތީ ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ނަގައި ނުދެވޭނެ ކަމަށް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، ފެނަކައިން ފައިސާ ނުދިނުމުގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާ ކުރުމުގެ ފުރުސަތު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް އެޕޯލޯ ކުންފުނިން އެދުނު ނަމަވެސް ދައުވާކުރާ ފަރާތުން އެ ދައުވާގެ ތެރޭގައި ހޯދުމަށް އެދެވެން އޮތް ފަރުވާއެއް ހޯދުމަށް ނޭދި، އެ މައްސަލައިގެ ތެރެއިިން އެ ދައުވާކުރުމަށް ފުރުސަތު ދިނުމަކީ އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމަށް ފުރުސަތު ދިނުން ކަމަށެވެ. އެހެންކަމުން ދައުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން ދައުވާއެއްކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

ގާޒީ އިތުރަށް ވިދާޅުވީ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެޕޯލޯ ކުންފުނިން އެދިފައިވީ ނަމަވެސް، އެ ފައިސާ ދެއްކުމަށް ފެނަކައަށް ދީފައިވާ މުއްދަތަކީ ދައުވާގައި އެކަށީގެންވާ މުއްދަތެއް ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން ތިން މަސް ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދިނުމަށް ކަނޑައެޅިދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.

އެ ހުރިހާ ކަންކަން ފާހަގަކުރެއްވުމަށްފަހު ގާޒީ ހުކުމް ކުރެއްވީ ފެނަކައިން ތިން މަސް ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ 27.1 މިލިއަން ރުފިޔާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ. އަދި ޝަރީއަތުގެ ހަރަދު ނަގައި ނުދެވޭނެ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާ ކުރުމުގެ ފުރުސަތުވެސް ވަކިން ދެވެން ނެތް ކަމަށްވެސް ހުކުމް ކުރެއްވިއެވެ.

ނަމަވެސް އެގޮތަށް ފެނަކައިން ފައިސާ ނުދައްކާތީ، އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި މިދިޔަ އޭޕްރީލްމަހު އެޕޯލޯއިން ވަނީ ސިވިލްކޯޓަށް ހުށަހަޅައިފައެވެ. އެ ދަރަނި ދެއްކުމަށް އެޕޯލޯއިން ވަނީ ފެނަކައަށް އިތުރު ފުރުސަތެއް ދީފައެވެ. އެއީ އަންނަ އޯގަސްޓްމަހުގެ އެކަކުން ފެށިގެން ކޮންމެ މަހަކު 3،000،000 އަށްވުރެ މަދުނޫން އަދަދަކުން ދަރަނި ދައްކަމުން ގޮސް ދަރަނި ހަލާސް ކުރުމަށެެވެ. އެއްވެސް މަހެއްގައި ދަރަންޏާ ބެގޭ ފައިސާ ނުދައްކައިފިނަމަ ނުދެއްކި ދަރަނީގައި ހިމެނޭ ބާކީ އެއްކޮށް ތަންފީޒުކޮށްދިނުމަށް ހުށަހެޅުމުގެ ހައްގު އެޕޯލޯއަށް ލިބިގެންވާކަމަށް ކޯޓުން ކަނޑައަޅައިދިނުމަށްވެސް ހުށަހެޅިއެވެ.

މި މައްސަލައިގައި ސިވިލްކޯޓުން އިއްޔެކުރި ހުކުމްގައިވަނީ، އަންނަމަހުގެ އެކަކުން ފެށިގެން ކޮންމެ މަހަކު 3،000،000 އަށްވުރެ މަދުނޫން އަދަދަކުން ދަރަނި ދައްކަމުން ގޮސް، މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 24ގައި ކުރި ހުކުމްގައިވާ ދަރަނި ހަލާސްކުރުމަށް ފެނަކައަށް އަންގައި، އެއްވެސް މަހެއްގައި ދަރަންޏާ ބެގޭ ފައިސާ ނުދައްކައިފި ނަމަ ދަރަނީގައި ހިމެނޭ ބާކީ އެއްކޮށް ތަންފީޒުކޮށްދިނުމަށް ހުށަހެޅުމުގެ ހައްގު އެޕޯލޯއަށް ލިބިގެންވާކަމަށް ކަނޑައަޅާ ކަމަށެވެ.