ދިވެހީންނަށް އިނގިރޭސިވިލާތުން ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެކަމާ ގުޅޭ މަޝްވަރާތައް މިއަދު ކުރެއްވީ އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޑޭވިޑް ލެމީ އެމްޕީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި އަދި ހަރުދަނާކުރުމާ ބެހޭގޮތުން ކަމަށެވެ.
އޭގެ އިތުރުން މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގައާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގައާއި، ތައުލީމާއި ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށާއި އެނޫންވެސް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅުދައްކަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގާތް ގުޅުން، އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވަމުން ކަމަށެވެ.
ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ،އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު