އިނގިރޭސިވިލާތާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭޕީޕީޖީ)ގެ ބައްދަލުކުރެއްވުމެއްގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އޭޕީޕީޖީގެ އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ރައީސް އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ.

އޭޕީޕީޖީގެ ކޯ-ޗެއާ، ޔާސްމީން ގުރެއިޝީ އެމްޕީ، ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް އޮތް ޒިންމާގެ މައްޗަށާއި، އެފަދަ ގައުމުތަކަށް ފޯރުކޮށްދޭންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި، ބައިނަލްއަގުވާމީ އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ އިހުތިރާމާއި، އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި، އެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އިސްކަންދޭނެ ކަމަށެވެ.

އަދި ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި، ދިފާއީ ދާއިރާ ހަރުދަނާކުރުމާއި، އެ ދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމުގައި އިނގިރޭސިވިލާތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން، ތައުލީމާއި ސަގާފީ ރޮނގުން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލައްވާފައިވެއެވެ. ރައީސްގެ ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި އޭޕީޕީޖީން އަދާކުރަމުންދާ ދައުރަށް ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ ބައްދަލުވުން އިފްތިތާހުކުރުމުގެ ވާހަކަފުޅުތަކަށްފަހު، ދެ ގައުމުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައި ކަމަށެވެ.