ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގާލްސް ޓު ކޯޑް މާލެ އެޑިޝަން ފަށައިފިއެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންގޮސް އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް އަޅައިދެވޭ މުހިންމު ބިންގަލެއް ކަމަށް ދިރާގުން ދެކެއެވެ.

އެ ޕްރޮގްރާމް ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ލ. އަތޮޅު އަދި ހއ. ދިއްދޫގައި ވަނީ ތައާރަފުކޮށްފައެވެ.

"ގާލްސް ޓު ކޯޑް އަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެން ޒުވާނުން ބާރުވެރިކޮށް، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށް، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދޭ ޕްރޮގްރާމެއް،" ވިމެން އިން ޓެކް މޯލްޑިވްސްގެ ސެކްރެޓެރީ ޖެނެރަލް އާމިނަތު ޝިއުފާ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ މަހާ ގުޅުވައިގެން އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވައިލުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެއެވެ

އެގޮތުން، މިއަހަރުގެ ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް އިއްޔެ ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތު އަދި އޮރިއެންޓޭޝަނުގައި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ 16 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެން ޒުވާނުން ވަނީ ބައިވެރިވެފައެވެ.

އެ ޕްރޮގްރާމްގެ ދަށުން، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ޕްރޮގްރާމުގެ ބައިވެރިން ވާޗުއަލް އަދި ފިޒިކަލް ސެޝަންތައް މެދުވެރިކޮށް ވެބް ޑިވެލޮޕްމަންޓް އަދި ކޯޑިންގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ.

"މިއަހަރުގެ ގާލްސް ޓު ކޯޑް ޕްރޮގްރާމްގެ މަގުސަދަކީ ބައިވެރިންނަށް ކޯޑް ކުރަން ދަސްކޮށްދިނުމުގެ އިތުރުން، ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ކެރިއާ ގައިޑެންސް ވޯކްޝޮޕްތައް ތައާރަފުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން،" ދިރާގުގެ ސީނިއާ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިއެވެ.

ދިރާގުން ބުނީ އެ ޕްރޮގްރާމަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް ޝާމިލު ޑިޖިޓަލް އިގުތިސޯދެއް ބިނާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.