މިނިވަންދުވަހުގެ ރަސްމީ ޖަލްސާއަށް ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދައުވަތު އަރުވަން ނިންމައިފިއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ރަސްމީ ޖަލްސާއަށް، ކުރީގެ ރައީސުންނާއި ނައިބު ރައީސަށް ދައުވަތު އަރުވަން ނިންމާފައިވާކަން ދިވެހި ލެންގުއޭޖު، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިރޭ "ވަން"އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

މިނިސްޓަަރު ވިދާޅުވީ މިނިވަން ދުވަހަކީ މުޅި ދިވެހި ގައުމުގެ ދުވަހެއް ކަމަށްވުމުން، މި ސަރުކާރުގެ ސިޔާސަތަކީ ގައުމީ ހިދުމަތުގެ އަގުވަޒަންކުރުން ކަމަށާއި ގައުމުގެ ހިދުމަތްތެރީންގެ އަގުވަޒަންކުރުން ކަމަށެވެ.

"ވީމާ މި ގައުމަށް ހިދުމަތްކުރައްވާފައިވާ ކުރީގެ ރައީސުންނާއި، ކުރީގެ ނައިބު ރައީސުންނަށް ހައްގު އިހުތިރާމާއި ގަދަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ގައުމަށް ގެންނަވަން ބޭނުންފުޅުވާ އަހުލާގީ ބަދަލުގެ އެއް ނަމޫނާ،" މިނިސްޓަރު ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވަން"އަށް މިރޭ ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިމަހުގެ 26 ވަނަ ދުވަހު ބާއްވާ މިނިވަންދުވަހުގެ ޖަލްސާއަށް 1500 ބޭފުޅުންނަށް ޖާގަ އޮތް ނަމަވެސް، ދައުވަތު އަރުވަން ނިންމާފައިވާ ލިސްޓުގައި 2000 ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.