ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ސަޕޯޓަރުން ކުރި މުޒާހަރާތަކުގައި ތިން މީހަކު މަރުވެއްޖެއެވެ.

ޝެއިހް ހަސީނާގެ އަވާމީ ލީގުން އެ ޕާޓީގެ ސަޕޯޓަރުން މަގުތަކަށް ނިކުމެ ކުރަމުން ދިޔަ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ.

އިއްޔެ ކުރިޔަށް ދިޔަ އެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ހިންގި އަމަލުތަކުން ތިން މީހަކު މަރުވެފައިވާ ކަމަށާއި އިތުރު ބައެއް މީހުން ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޝެއިހް ހަސީނާގެ އަވާމީ ޕާޓީން މުޒާހަރާކޮށްފައިވަނީ އެގައުމުގެ ނެޝަނަލް ސިޓިޒަންސް ޕާޓީން ކުރި މުޒާހަރާއަށް ހުރަސް އެޅުމަށް ކަމަށް އޮފިޝަލުން ބުނެއެވެ. ނެޝަނަލް ސިޓިޒަންސް ޕާޓީން މުޒާހަރާ ކޮށްފައިވަނީ ބަންގްލަދޭޝްގައި މިދިޔަ އަހަރު ސްކޫލްކުދީންތަކެއް ކުރިޔަށް ގެންދިޔަ ބޮޑު މުޒާހަރާއަށް އަހަރެއް ވުން ފާހަގަކުރުމަށް ކަމަށް އޮފިޝަލުން ބުނެއެވެ.

އަވާމީ ލީގުގެ އޮފިޝަލުން ވަނީ ތިން މީހަކު މަރުވެފައިވަނީ ފުލުހުން ބާރުގެ ބޭނުންކޮށް ބަޑިޖެހުމުން ކަމަށް ބުނެފައެވެ. އަދި އެޕާޓީއަށް ނިސްބަތްވާ 17 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ދެ ޕާޓީއެއްގެ ދެމެދު ކުރިޔަށް ދިޔަ މުޒާހަރާ ހޫނުވެ ހަމަނުޖެހުން ހިނގުމާއެކު އެގައުމުގެ ސަރުކާރުން ވަނީ މުޒާހަރާ ކުރިޔަށްދާ ގޮޕާލްގަންޖު ޑިސްޓްރިކްޓުގައި ކާފިއު އިއުލާން ކޮށްފައެވެ.