އަސްކޮއި ހައްޖު-އުމްރާ މޯލްޑިވްސްގެ ވެރިން އުމްރާއަށް ގެންދިއުމަށް ފައިސާ އަތުލުމަށްފަހު ރާއްޖެ ދޫކޮށް ފިލި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު ދައުރުވާ ބައެއް ޕޯސްޓުތަކުގައިވާ ގޮތުން އަސްކޮއި ހައްޖު-އުމްރާ މޯލްޑިވްސްގެ ވެރިން ވަނީ ގިނަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެފަހު ވަގުތު ނުދެވޭނެ ކަމަށްބުނެ، ޕާސްޕޯޓާއި ފައިސާއާއެކު ރާއްޖެ ދޫކޮށް ގޮސްފައި ކަމަށެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ "ވަން"އަށް ވިދާޅުވީ އެ މައްސަލަ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ މިރޭ. އެޓެންޑު ކުރަމުންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމުގެ އިތުރު މައުލޫމާތުދެއްވަމުން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް މިރޭ އައުމާ ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވާ ކަމަށެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެގެން 19 ކުންފުންޏަކަށް މި އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ވަނީ ފިޔަވަޅު އަޅައިފައެވެ. މިނިސްޓަރު ޑރ. ޝަހީމް އެ ދުވަހު ވިދާޅުވެފައިވަނީ، އުސޫލާ ހިލާފުވެފައިވާ ކުޑަބޮޑުމިނަށް ބަލައި އެ ކުންފުނިތައް 5،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އުމްރާއަށް މީހުން ގެންދިއުމަށް އެ މިނިސްޓްރީން ދީފައިވާ ރަސްމީ ލައިސަންސް ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭއިން ޑޮލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެ ދުވަހު މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެ މައްސަލަ އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެ ކުންފުނި 30،000 ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މައްސަލަ ތަހުގީގު ކުރަން ފުލުހަށް ފޮނުވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.