ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށް ރާއްޖެއިން ބެލްޖިއަމަށް ކަނޑއަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ ވިދާޅުވެފައިވާ ކަމަށްބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކުގައި އެ ވާހަކަތައް ރިޕޯޓުކުރުމާ ގުޅިގެން މިނިސްޓަރު ހަލީލު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަފީރަށް ޔޫރަޕިއަން ޕާރލިމެންޓުން ކުރައްވާފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާ މެދު ދެކޭ ގޮތް ކަމަށެވެ.
އެ ސުވާލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރީއްސުރެ ގާމުވެފައިވާ ކަމަށާއި، އަދި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ, ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށްބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެންނެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކަނޑައެޅިފައިވާ ނިޒާމުތަކާ ހިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ޗާގޯސްގެ ހައްގުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގެ ސިއްރު ސިޓީއަކުން ކަމަށާއި އެކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ ކަމަށެވެ.
ޗާގޯސްގެ މައްސަލައިގައި ގެއްލިގެންދިޔަ ކަނޑު ހޯދުމަށް ކުޑަވެސް ދުލެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
މިދިޔަ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ދެކުނުން ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމާ ގުޅޭގޮތުން ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ހޯދާފައިވާ ކަމަށެވެ.
ދެން ހުންނާނީ ކަނޑުގެ ހޯދުމުގެ މަސައްކަތް ފެށުމުގެ މަރުހަލާ ކަމަށާއި ނަމަވެސް މިފަހުން އިނގިރޭސިވިލާތުން، ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނިންމުމާ ގުޅިގެން ކުރަންޖެހޭ މަޝްވަރާތަކެއް ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
"ގެއްލިގެން ދިޔަ ކަނޑުގެ ބައި ހޯދުމަކީ އަޅުގަނޑުމެންގެ މައި ސިޔާސަތެއް. އެކަމުގައި އަޅުގަނޑުމެންގެ މަސައްކަތަކަށް ކުޑަނަމަވެސް ދުލެއް ނުދެން. އެކަމުގަ އަޅުގަނޑުމެން މިދަނީ ހަމަ އެއްވާނެއްގަ ކުރިއަށް" ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ގެއްލުނުކަމަށް ބުނާ އެ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް އެޓާނީ ޖެނެރަލް އޮފީހުން ވަނީ 19 ޑިސެމްބަރު 2023 އެކުލަވާލައިފައެވެ.
ރައީސް އޮފީހުން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޓީގެ މަސައްކަތް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބެލުމުގެ ދަށުން ކަމަށެވެ. ދެން އެ ކޮމިޓީގައި ތިއްބަވާނީ ޑިފެންސް މިނިސްޓްރީގެ ފަރާތުން އައްޔަންކުރައްވާފައިވާ ކާނަލް އަހުމަދު މުޖުތަބާ އަދި ފޮރިން މިނިސްޓްރީގެ ފަރާތުން އައްޔަންކުރައްވާފައިވާ ސެކްރެޓަރީ މަލްޓިލެޓްރަލް އަހުމަދު ޝިއާންއެވެ. އަނިލް މަސައްކަތް ކޮށްދެއްވާނީ ހިލޭ ސާބަހަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އެއީ ކަނޑުގެ މައްސަލަ ދިރާސާކުރުމަށާއި މަސައްކަތް ވިލަރެސް ކުރުމަށްޓަކައި އެކުލަވާލި ކޮމިޓީއެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން، މިދިޔަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތްތަކަށް 10 މިލިއަން ރުފިޔާ ހިމަނައިފައެވެ.
އިޓްލޮސްގެ ހުކުމް އިސްތިއުނާފުކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސްއިން މައްސަލަ ނިންމީ މިއަހަރުގެ 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.
މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.
ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.
ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދަކީ ކުރީ ސަރުކާރުން ވިއްކާލި ބައެއް ކަމަށް އެ ކޯލިޝަނުން ތުހުމަތުކުރިއެވެ.
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް