ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވިގޮތަށް، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމަތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ނިއުމަތު ޝަފީގުގެ މަގާމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ހަމަވާތީ އޭނާގެ މަގާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު ރައްްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން މިމަހު 14 ވަނަ ދުވަހު މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ، ނިއުމަތު ކޮމިޓީއަށް ހާޒިރުކޮށް އިންޓަވިއުކޮށްފައެވެ.
އިންޓަވިއުއިން 75 ޕަސެންޓް މާކްސްއަށްވުރެ މަތިން މާކްސް ލިބުމާ ގުޅިގެން ނިއުމަތުގެ މަގާމުގެ ދައުރު ފަސް އަހަރު ދުވަހަށް އިތުރުކުރަން ފެނޭތޯ ކޮމިޓީގައި ވޯޓަށް އެއްސެވެ.
ނިއުމަތުގެ ދައުތު ފަސް އަހަރަށް އިތުރުކުރަން ކޮމިޓީން ފާސްކުރީ ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ދެން އެކަމާބެހޭ ކޮމިޓީ ރިޕޯޓު ހުށަހަޅާނީ މަޖިލިސް ތަޅުމަށެެވެ. މަޖިލިސް ތަޅުމުން ފާސްކުރުމުން ނިއުމަތުގެ ދައުރު ފަސް އަހަރަށް އިތުރުވެގެންދާނެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަގާމެކެވެ. އެއީ 2019 ވަނަ އަހަރުގެ ތެރޭގައި މަޖިލީހުން ފާސްކުރި ގާނޫނެކެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމަތު އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުއެވެ. އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވާނީ މިމަހުގެ 23 އަށެވެ.
އިބްރާހިމް ޒަކީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ