މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނެފިއެވެ.
މެޓުން މިއަދު ނެރުނު މޫސުމާ ބެހޭ އެޑްވައިޒަރީއެއްގައި ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ވައި ބާރުވެ، ކަނޑުތައް ގަދަވެ އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން ކުރިއަށް ހަތަރު ދުވަހަށް ލަފާކޮށްފައިވާ ކަންކަން:
- ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ
- ކަނޑުތައް، ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައއި އިތުރަށް ގަދަވާނެ
- ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރުން
- ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން
މެޓުން ބުނީ ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ދަތުރުވެރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.
މޫސުމާ ބެހޭ އިތުރު މައުލޫމާތު 332308 ނަންބަރަށް ގުޅުމުން ލިބެން ހުންނާނެކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުން މިއަހަރުގެ މޭމަހުގެ 10 ވަނަ ދުވަހު ބުނެފަައިވަނީ އެ މަހުގެ ނުވަވަނަ ދުވަހު ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ. އެގޮތުން މޭމަހުގެ ނުވަވަނަ ދުވަހު ވަނީ ދެކުނުގެ ސަރަހަދުތަކަށް ހުޅަނގު މޫސުން ފެށިފައި ކަމަށާއި މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާ ތެރޭ ދެކުނުގެ އަތޮޅުތަކަށް ކުރާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރުތައް މެދު ރާއްޖެތެރެއަށް ފޯރައި މަސް ނިމޭއިރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެކަމަށް މެޓުން ބުނެފަައިވެއެވެ.
ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދޭނެ ކަމަށާއި އިރުވަައި މޫސުން އާންމުކޮށް އޮންނަނީ ޖެނުއަރީ މަހުން މާޗު މަހަށް ކަމަށް މެޓުން ބުނެފައިވެއެވެ.
މިއަހަރުގެ މާޗު މަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހިފައިވެއެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާގޮތް
- ވާރޭ: 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން، އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން
- ވައި: ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ޖެހުން، އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން
މުހައްމަދު އިޝާން
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ