މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މުއިއްޒު މިއަދު ލަންޑަކަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ، ގްރޭޓާ ލަންޑަންގެ ޑެޕިއުޓީ ލެފްޓިނެންޓް މޭޖަރު ޖެރެމީ ފަން ޓީޑީ އާއި ސްޕެޝަލް ރެޕްރެޒެންޓޭޓިވް އޮފް ހިޒް މެޖެސްޓީ ދަ ކިންގް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ގޯޑަން ވެތެރެލް ސީއެމްޖީގެ އިތުރުން އިނގިރޭސިވިލާތާއި ނޮދަން އަޔަލޭންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އަދި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތައުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުން ދިނުމާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ