މަރުވިތާ އަހަރެއްވެފައިވާ މީހެއްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުން މިއަދު ތާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން މިއަދު އާންމުކޮށްފައިވާ ތާވަލުގައިވާ ގޮތުން ހެނދުނު 9:00 ޖަހާއިރު ބާއްވާ އަޑުއެހުންތަކުގެ ތެރޭގައި މުއާވިޔަތު މޫސާ، ތ. ތިމަރަފުށި، ލުބޯމާގެ މައްޗަށް ކުރާ އަދަބު ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަ ހިމެނެއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ މިއަހަރުގެ ތެރޭގައެވެ.

ނަމަވެސް މިދިޔަ އަހަރު އޮގަސްޓް މަހުގެ އަށްވަނަ ދުވަހު ތަައިލެންޑުގެ ވެރިރަށް ބެންކޮކްގެ ހޮޓަލެއްގެ ތެރޭގައި މުއާވިޔަތު މަރުވެފަ އޮއްވާ ވަނީ ފެނިފައެވެ. މަރުވެފައި ވަނީ މުއާވިޔަތު މޫސާ، ތ. ތިމަރަފުށި، ލުނބޯމާގެ، ކަން އެއިރު ފޮރިން މިނިސްޓްރީން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފައެވެ.

ފޮރިން މިނިސްޓްރީން ވަނީ މުއާވިޔަތު މަރުވިކަން އޭނާގެ އާއިލާއަށްވެސް އަންގައިފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ މުއާވިޔަތުގެ މައްޗަށް ކުރި ވައްކަމުގެ ދައުވާއެއް ސާބިތުވާކަމަށް 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ހުކުމްކޮށްފައިވާ ކަމަށެވެ.

އެ ކުށް ސާބިތުވުމުގެ ސަބަބުން އޭނާ 42،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ހަމަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށާއި 782 ގަޑިއިރު މުޖުތަމައަށް ހިދުމަތްކުރުމަށް ހުކުމްކޮށްފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ.

ޖޫރިމަނާގެ ފައިސާ މީރާއަށް ނުލިބޭކަމަށް ބަޔާންކޮށް މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު މީރާގެ ފަރާތުން ޕީޖީ އޮފީހަށް ހުށަހަޅާފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ. އެހެންވެ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ ދަށުން އަދަބު މުރާޖާއާކޮށްދިނުމަށް ޕީޖީގެ ފަރާތުން ހުށަހަޅާފައިވާތީ އެ މައްސަލައިގެ އަޑުއެހުން މިއަދު ކުރިމިނަލް ކޯޓުން ތާވަލުކުރިކަމަށް ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ ރަސްމީ އެއްވެސް އިދާރާއަކުން މުއާވިޔަތު މަރުވެފައިވާކަން ޕީޖީ އޮފީހަށް އަންގާފައި ނުވާ ކަމަށެވެ.

"މީހަކު މަރުވިކަމަށް މި އޮފީހުން ބަލަނީ މަރު ސާބިތުކުރި ލިޔުން މި އޮފީހަށް ލިބުމުން. ނުވަތަ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން އެކަން މި އޮފީހަށް ކަށަވަރުކޮށްދިނުމުން" ޝަފީއު ވިދާޅުވިއެވެ.

ޕީޖީ އޮފީހުން މިހާރު އަންނަނީ އެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަމުންކަމަށް ޝަފީއު ވިދާޅުވިއެވެ.

ކުރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހަސަން ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ މައްސަލަ ތާވަލުކުރިއިރު މުއާވިޔަތު މަރުވެފައިވާކަން ކޯޓަށް އެނގިފައި ނުވާ ކަމަށެވެ.

ނަމަވެސް އޭނާގެ އާއިލާއިން އެ މައުލޫމާތު ފޯރުކޮށްދީފައިވާތީ ޑީއެންއާރް މެދުވެރިކޮށް އެކަން ކަށަވަރުކުރުމަށް ކޯޓުން މަސައްކަތް ކުރަމުން އަންނަކަމަށް ރަޖިސްޓްރާ ވިދާޅުވިއެވެ.