މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ޓްރޭޑްމާކު ބިލުގެ ސަބަބުން ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ހޯދަން ފަސޭހަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރޭޑްބިލަކީ މުހިންމު ބިލެއް ކަމަށާއި އެފަދަ ބިލެއް ހުށަހަޅަން ލަސްވެފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ޓްރޭޑްމާކާ ބެހޭ ބިލަކީ ނުގެނެވި ލަސްވެފައިވާ، ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އިތުބާރު އުފެއްދުމަށް ނުހަނު ބޭނުންތެރި އަދި މުހިއްމު ބިލެއް. މި ގާނޫނު ވުޖޫދަށް އައުމުން ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ވިޔަފާރިތަކުންކުރާ އިތުބާރު އިތުރުކޮށްދީ، ފިކުރީމުދަލުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ، އަދި މިއީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށްވެސް މުހިއްމު ބިލެއްކަން ފާހަގަ ކޮށްލަން" މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފަ އެވެ.

އަދި މިއީ 2040 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް މުހައްމަދު މުއިއްޒުގެ ގެންގުޅުއްވާ ވިޝަން ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވާ ގޮތުގައި ފޭކް މުދަލެއް ވިއްކައިފިނަމަ ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ޓްރޭޑްމާކް ރަޖިސްޓްރީކުރުމާ ގުޅޭ ނިޒާމެއް ގާއިމުކޮށް، އެކަމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ އެ ބިލުގައި ޓްރޭޑްމާކްގެ ވެރިފަރާތަކަށް ލިބޭ ހައްގުތަކާއި އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ.

އެ ބިލުގައިވާ ގޮތުން، ޓްރޭޑްމާކް ރަޖިސްޓްރީ ކުރެވޭނީ ދިހަ އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އިތުރު ދިހަ އަހަރަށް މުއްދަތު އިތުރު ކުރުމުގެ އިހުތިޔާރު އޮންނާނެ އެވެ.

ބިލުގައިވާ ގޮތުން ޓްރޭޑްމާކްގެ ހައްގަށް އަރައިގެންފި ނަމަ އެފަދަ މައްސަލައަކާ ގުޅުން ހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

މީގެ އިތުރުން އެ ބިލްގައި ވަނީ، ރާއްޖޭގައި ކައުންޓަފީޓް މުދާ އުފެއްދުމާއި އެތެރެކުރުމާއި ވިއްކުމާއި އަދި ބޭރުކުރުން މަނާކޮށް އެ ފަދަ ކަމެއް ކުރާ ނަމަ 100,000 ރުފިޔާއިން ފެށިގެން 2,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަން ހިމަނައިފައެވެ.

ޓްރޭޑްމާކާ ގުޅޭ ބިލް ފާސްވެ، ރައީސް ތަސްދީދުކުރެއްވުމުން މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓަރީ ނުވެއްޖެނަމަ އެ ޓްރޭޑްމާކް އުވާލާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލު މިހާރު އޮތީ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސޯދީ ކޮމެޓީއަށް ފޮނުވާފަ އެވެ.