މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެ ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތައުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.